ފިލިޕީންސްގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ބަޖެޓަށް 20 ޑޮލަރު

މެނީލާ (ސެޕްޓެމްބަރު 13) - ފިލިޕީންސްގެ މަސްތުވާތަކެއްޗާ ދެކޮޅު ހަނގުރާމައިގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުގެ އަހަރީ ބަޖެޓަށް 1،000 ޕެސޯ (20 ޑޮލަރު) ދޭން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.


ފިލިޕީންސްގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ބަޖެޓް ކުޑަ ކުރަން ފާސްކުރީ ކޮންގްރެސްގެ 119-32 ވޯޓުންނެވެ.

ކޮންގްރެސްގެ ރައީސް ޕަންޓަލިއޯން އަލްވާރޭޒް ވަނީ އެ ގައުމުގެ ހިއުމަން ރައިޓްސް ކޮމިޝަނަކީ "ބޭނުމެއް ނެތް" ތަނެއް ކަމަށް ވިދާޅުވެފަ އެވެ. ބައެއް ފަރާތްތަކުން ބުނަނީ މިއީ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ފައްޓަވާފައިވާ މަސްތުވާތަކެއްޗާ ދެކޮޅު ހަނގުރާމައިގައި ކޮމިޝަނުން ފާޑުކިޔާތީ ދިން އަދަބެއް ކަމަށެވެ. ޑްރަގާ ދެކޮޅު ހަނގުރާމަ މިދިޔަ ޖޫން މަހު ޑުޓާޓެ ފެއްޓެވި ފަހުން އެތައް ހާސް ބަޔަކު ވަނީ މަރައިފަ އެވެ. ޑުޓާޓެ ވިދާޅުވެފައި ވަނީ އެ ހަނގުރާމައިގެ ބޭނުމަކީ ގައުމުން މަސްތުވާތަކެތީގެ ވަބާ ނައްތާލުން ކަމަށެވެ. ނަމަވެސް ޝަރީއަތަކާ ނުލައި މީހުން މަރާތީ ބައިނަލްއަގުވާމީ ގޮތުން ޑުޓާޓެ އަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

ފިލިޕީންސްގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ދަނީ އެ މަރުތައް ތަހުގީގު ކުރުމަށެވެ. އެ ކޮމިޝަނުން އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ހޯދުމަށް އެދިފައި ވަނީ 1.72 ބިލިއަން ޕެސޯ (34 މިލިއަން ޑޮލަރު) އެވެ. ނަމަވެސް ސަރުކާރުން ހުށަހަޅާފައި ވަނީ އެ ބަޖެޓުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ކުޑަ އަދަދެކެވެ.

ބަޖެޓުގެ ދެ ވަނަ ކިޔުމުގައި ކޮންގްރެސް އިން ބަޖެޓް ވަނީ 1،000 ޕެސޯ އަށް ކުޑަކޮށްފަ އެވެ. މިއީ މި އަހަރު އެ ކޮމިޝަނަށް ދިން 749 މިލިއަން ޕެސޯއާ އަޅާބަލާއިރު އެއްވެސް އެއްޗެއް ނޫނެވެ.

ޓީވީ އިންޓަވިއުއެއްގައި އަލްވަރޭޒް ވަނީ "މުޖްރިމުންގެ ހައްގުތައް ރައްކާތެރި ކުރަން ބޭނުންވާ ނަމަ މުޖްރިމުން އަތުން ބަޖެޓް ހޯދުމަށް" އެދިވަޑައިގެންފަ އެވެ. އޭނާ އަދި ވިދާޅުވީ އެ ކޮމިޝަނަކީ ގާބިލްކަމެއް ނެތް ތަނެއް ކަމަށެވެ.

ބަޖެޓް ކުޑަކުރަން ދެކޮޅު ހެދި ކޮންގްރެސްގެ މެންބަރަކު ވިދާޅުވީ ރައީސް ޑުޓާޓެގެ ސަޕޯޓަރުން ތާއީދުކޮށްފައި އެ ވަނީ މިނިވަން މުއައްސަސާއަކަށް "މަރުގެ އަދަބު ދިނުމަށް" ކަމަށެވެ.

ފިލިޕީންސްގެ ސެނެޓުން ބަޖެޓް ފާސްކުރަން ޖެހެ އެވެ. ތަޖްރިބާކާރުން ބުނަނީ ދެ ޗެމްބަރުގައި ވެސް ޑުޓާޓެގެ އަޣުލަބިއްޔަތު އޮތުމުން ބަޖެޓް ފާސްވާނެ ކަމަށެވެ.