އެމެރިކާ އަށް "ވޭންދެނިވި" އަދަބެއް ދޭނެ ކަމަށް ނޯތު ކޮރެއާ އިން ބުނެފި

ޕިއޮންޔޮން (ސެޕްޓެމްބަރު 13) - އެމެރިކާ އަށް "ވޭންދެނިވި އަދަބެއް" ދޭނެ ކަމުގެ އިންޒާރު ނޯތު ކޮރެއާ އިން މިއަދު ދީފި އެވެ.


ނޯތު ކޮރެއާ އިން މި އިންޒާރު ދީފައި ވަނީ އެ ގައުމާ ދެކޮޅަށް ސަލާމަތީ މަޖިލީހުން ދަތިކުރުމުގެ ފިޔަވަޅު އަޅަން ފާސްކުރުމާ ގުޅިގެންނެވެ. މި ފިޔަވަޅު އެޅުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައި ވަނީ އެމެރިކާ އިންނެވެ. އދ.ގެ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ ނޯތު ކޮރެއާގެ ޓެކްސްޓައިލް އެކްސްޕޯޓަށާއި ތެލުގެ އިމްޕޯޓް އަދި ބޭރު ގައުމުތަކުގައި މަސައްކަތް ކުރާ އެ ގައުމުގެ މީހުންނަށެވެ.

"ނޯތު ކޮރެއާ އިން ދެން އަޅާ ފިޔަވަޅު ވެގެން ދާނީ އެމެރިކާގެ ތާރީޚުގައި ވެސް އެ ގައުމު އުފުލަން ޖެހޭ އެންމެ ވޭން ދެނިވި ކަންތަކަށް،" ޖެނީވާގައި ބޭއްވި އދ.ގެ ބައްދަލުވުމެއްގައި ނޯތު ކޮރެއާ ސަފީރު ވިދާޅުވި އެވެ.

ނޯތު ކޮރެއާ އިން ބުނެފައި ވަނީ އެމެރިކާ އިން ދަނީ އެ ގައުމާ ދެކޮޅަށް އިގްތިސާދީ އަދި އަސްކަރީ ކުރިމަތިލުމަކަށް ތައްޔާރުވަމުން ކަމަށެވެ.

އެމެރިކާގެ ސަފީރު ނިއްކީ ހާލޭ ވިދާޅުވީ ނޯތު ކޮރެއާގެ ޓެކްސްޓައިލާއި އެ ގައުމުގެ މަސައްކަތު މީހުން މަނާކުރުމުން ޕިއޮންޔޮން އަށް އާމްދަނީގެ ގޮތުގައި އަހަރަކު 1.3 ބިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށެވެ. ޓެކްސްޓައިލުން 800 މިލިއަން ޑޮލަރު އަދި ބޭރުގައި މަސައްކަތް ކުރާ މީހުންގެ އަތުން 500 މިލިއަން ޑޮލަރު ނޯތު ކޮރެއާގެ އިގްތިސާދަށް ވަދެ އެވެ.