އަރަބް ލީގުގެ ބައްދަލުވުމުގައި ގަތަރާއި ކޯލިޝަން ކޯޅުމަކަށް

ގާހިރާ (ސެޕްޓެމްބަރު 13) - މިސްރުގެ ގާހިރާގައި ކުރިއަށްދާ އަރަބް ލީގުގެ ބައްދަލުވުމުގައި ގަތަރާއި އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ހަތަރު ގައުމުގެ ކޯލިޝަނުގެ ޑިޕްލޮމެޓުން ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.


މިދިޔަ ޖޫން މަހު 5 ވަނަ ދުވަހު ގަތަރާ ސިޔާސީ ގުޅުން ކަނޑާލި ހަތަރު ގައުމުގެ ކޯލިޝަނުގައި ހިމެނެނީ ސައުދީ އަރަބިއާ އާއި ބަހުރޭން، ޔޫއޭއީ އަދި މިސްރެވެ. މި ގައުމުތަކުން ބުނެފައި ވަނީ ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށެވެ. އަދި އީރާންއާ ގަތަރުން ގުޅުން ބާއްވާތީ ވެސް ކޯލިޝަނުގެ ގައުމުތަކުން ނުރުހުންވެ އެވެ.

އަރަބް ލީގުގެ ބައްދަލުވުމުގައި ގަތަރުގެ ސްޓޭޓް މިނިސްޓަ ފޯ ފޮރިން އެފެއާޒް ސުލްތާން ބިން ސާދު އަލް މުރައިޚީ ވަނީ އީރާން އަކީ "ޝަރަފުވެރި ގައުމެއް" ވިދާޅުވެފަ އެވެ. އަދި ގަތަރަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ފަހުން އީރާނާ އިތުރަށް ގުޅުން ރަނގަޅުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަތަރުގެ ވަޒީރަށް ރައްދު ދެއްވަމުން އަރަބް ލީގަށް ކަނޑައަޅާފައި ހުންނަ ސައުދީގެ މަންދޫބު އަހުމަދު އަލް ކައްތާން ވަނީ "މަރުހަބާ އީރާން" ވިދާޅުވެފަ އެވެ. އަދި މާތްﷲ އިރާދަކުރެއްވިއްޔާ އެކަމާ ގަތަރުން ހިތާމަ ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އީރާނާ ގުޅުން ބަދަހިކޮށްގެން ގަތަރު މީހުންނަށް ފައިދާވާނެ ކަމަށް ހީވަންޏާ، އަޅުގަނޑު ދަންނަވާނީ އެއީ ކުށްހީއެކޭ. މި ނިންމުމުގެ ޒިންމާ ގަތަރުން އުފުލަން ޖެހޭނެ،" ސައުދީ މަންދޫބު ވިދާޅުވި އެވެ.

ޔޫއޭއީގެ ސްޓޭޓް މިނިސްޓަ ފޯ ފޮރިން އެފެއާޒް އަންވަރު ގާގާޝް ވިދާޅުވީ ގަލްފުގެ މައްސަލަގަނޑު ކުރިއަށް ދަނީ ގަތަރުން ސުލްހަ އަށް އިސްކަން ދޭން ބޭނުން ނުވުމުން ކަމަށެވެ.

އޭނާ އަށް ރައްދު ދެއްވަމުން ގަތަރުގެ ވަޒީރު ވިދާޅުވީ މައްސަލަ އުފެދުނީ ޔޫއޭއީގެ މަދަދު ފޯރުކޮށްދިން ހެކަރުންތަކެއް ގަތަރު ނިއުސް އެޖެންސީ ހެކްކޮށް ދޮގު ޚަބަރު ފެތުރުމުން ކަމަށެވެ.

އެންމެ ފަހުން ޒުވާބު ހޫނުވެ ސައުދީގެ މަންދޫބު ވަނީ ގަތަރުގެ އަމީރު ބަދަލު ކުރެވޭނެ ގޮތްތަކަށް ބަލަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

މިސްރުގެ ފޮރިން މިނިސްޓަރު ސާމިހު ޝުކުރީ ވިދާޅުވީ ގަތަރަކީ ޓެރަރިޒަމަށް ވާގިވެރިވުމުގެ ތާރީޚެއް އޮތް ގައުމެއް ކަމަށެވެ. އަދި ސީރިއާ އާއި ލީބިޔާ، ޔަމަނަށް ގަތަރުން ހަތިޔާރާއި ފައިސާ ދޭކަމަށް އޭނާ ވިދާޅުވި އެވެ.