މިއަންމާގެ އަނިޔާވެރިކަމަކީ ނޯބެލް ސުލްހައިގެ އިނާމު މަރާލުން: ޚާމަނާއީ

ތެހެރާން (ސެޕްޓެމްބަރު 13) - މިއަންމާގެ އަޣުލަބިއްޔަތު ނެތް ރޮހިންޖާ މުސްލިމުންނަށް އެ ގައުމުގެ ސިފައިން އަނިޔާ ކުރަމުން ގެންދިއުމަކީ ނޯބެލް ސުލްހައިގެ އިނާމު މަރާލުން ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.


"އަނިޔާވެރި ސަރުކާރެއްގައި ނޯބެލް ސުހްލައިގެ އިނާމު ހޯދާފައި ހުރި އަނިޔާވެރި އަންހެނަކު ހުރެގެން އެއްވެސް ކުށެއް ނެތް ބަޔަކު ދަނީ މަރަމުން. އެ މީހުންގެ ގައިގައި ދަނީ އަލިފާން ޖަހަމުން. އެ މީހުންގެ ގެތަކުގައި ވެސް ދަނީ ހުޅުޖަހަމުން،" މިއަންމާގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ އަށް ފާޅުގައި ފާޑު ވިދާޅުވަމުން ޚާމަނާއީ ވިދާޅުވި އެވެ.

މިއަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް ޑިމޮކްރެޓިކް މަސައްކަތްތައް ކުރެއްވުމުން ގިނަ ބައެއްގެ ލޯބި ލިބިފައިވާ ސޫކީ އަށް އެތައް ބައެއްގެ ފާޑު ކިޔުުން މިހާރު އަމާޒުވެފައި ވަނީ ރޮހިންޖާ މުސްލިމުންނަށް މިއަންމާ ސިފައިންނާއި ބުޑިސްޓުން އަނިޔާ ކުރަމުންދާ އިރު އެކަމަނާ ބަސްފުޅެއް ވިދާޅު ނުވެ ހިމޭނުން ހުންނަވާތީ އެވެ.

"އެންމެން ވެސް ދަނީ މިއަންމާގެ އަނިޔާވެރިކަން ކުށްވެރިކޮށް ބަޔާން ނެރެމުން. އެކަމަކު އެވަރަކުން ނުފުދޭ. އަމަލީ ފިޔަވަޅު އަޅަން ޖެހޭ. މިއީ ނޯބެލް ސުހްލައިގެ އިނާމު މަރާލުން،" ތެހެރާނުގައި ވާހަކަ ދައްކަވަމުން ޚާމަނާއީ ވިދާޅުވި އެވެ.

ރަކީން ސްޓޭޓުގެ އަނިޔާވެރިކަން ބޮޑުވުމުން އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކުރި ރޮހިންޖާ މުސްލިމުންގެ އަދަދު ވަނީ 370،000 އަށް އަރައިފަ އެވެ. އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނާ ޒައިދު ރާދު އަލް ހުސައިން ވިދާޅުވެފައި ވަނީ މިއަންމާގައި ނަސްލެއް ނެތިކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޚާމަނާއީ ވިދާޅުވީ އެއީ ބުޑިސްޓުންނާއި މުސްލިމުންގެ މައްސަލައެއް ނޫން ކަމަށެވެ. އަދި އެއީ މިއަންމާ ސަރުކާރުން ހިންގާ ޖަރީމާއެއް ކަމަށް ވިދާޅުވި އެވެ.

"މި މައްސަލަ ހައްލު ކުރަން މުސްލިމުން ގައުމުތަކަށް މަސައްކަތް ކުރެވިދާނެ. މިދަންނަވަނީ މިއަންމާ އަށް ސިފައިން ފޮނުވާ ވާހަކައެއް ނޫން. އެކަމަކު އިގްތިސާދީ އަދި ސިޔާސީ ގޮތުން ޕްރެޝަރު ކުރެވިދާނެ،" ޚާމަނާއީ ވިދާޅުވި އެވެ.

މިއަންމާ މައްސަލާގައި މުސްލިމުން ގައުމުތަކުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމެއް ބޭއްވުމަށް ޚާމަނާއީ ވަނީ ގޮވާލައްވައިފަ އެވެ.