ރޮހިންޖާ ރެފިއުޖީން ކޭމްޕްތަކުން ބޭރަށް ދިއުން މަނާކޮށްފި

ޑާކާ (ސެޕްޓެމްބަރު 17) - މިއަންމާގެ ރޮހިންޖާ ރެފިއުޖީންނަށް ބަންގްލަދޭޝް އިން ކަނޑައަޅާފައިވާ ސަރަހައްދުތައް ނޫން ތަންތަނަށް އެ މީހުން ގޮސް އުޅުން މަނާކޮށްފި އެވެ.


ފުލުހުން އިއްޔެ ބުނީ ބަންގްލަދޭޝް އާއި މިއަންމާ ބޯޑަރު ކައިރީ ރެފިއުޖީންނަށް ކަނޑައަޅާފައިވާ ކޭމްޕްތައް ފިޔަވައި އެހެން ތަންތަނަށް ދިއުން މަނާކުރީ އަނބުރާ އެ މީހުން ގައުމަށް ދިއުމާ ހަމައަށް ކަމަށެވެ. ފުލުހުންގެ ތަރުޖަމާން ސާހިލީ ފިރްދައުސް ވިދާޅުވީ މިއަންމާ ރެފިއުޖީން، ބަންގްލަދޭޝްގައި ތިބި އެ މީހުންގެ ރަހުމަތްތެރިންގެ ގެއަށް ދިއުން ވެސް މަނާކޮށްފައިވާ ކަމަށެވެ. އަދި ރެފިއުޖީންނަށް ގެ ކުއްޔަށް ނުދިނުމަށް ވަނީ ބަންގްލަދޭޝް މީހުންނަށް އަންގައިފަ އެވެ.

"އެއް ތަނުން އަނެއް ތަނަށް އެ މީހުންނަށް ދަތުރެއް ނުކުރެވޭނެ. ރޮހިންޖާ ރެފިއުޖީން ނުގެންދިއުމަށް ބަސްތަކާއި ލޮރީ ޑްރައިވަރުންނަށް ވާނީ އަންގާފައި،" ފުލުހުންގެ އަމުރުގައި ބުނެފައިވެ އެވެ.

ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކަށް ރެފިއުޖީން ދަތުރު ކުރޭތޯ ބެލުމަށް ޗެކް ޕޯސްޓްތައް ގާއިމްކޮށް ވެހިކަލްތައް ޗެކް ކުރުމުގެ މަސައްކަތް ކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިއަންމާގައި ހިންގާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ބަންގްލަދޭޝް އަށް އެތެރެވެފައިވާ ރޮހިންޖާ ރެފިއުޖީންގެ އަދަދު ވަނީ ހަތަރު ލައްކަ އަށް އަރައިފަ އެވެ. ރެފިއުޖީންގެ ގިނަ މީހުން ދިރިއުޅެނީ ކޮކްސް ބާޒާރުގަ އެވެ. ބަންގްލަދޭޝް އިން ކުރިން ވަނީ އެތަައް ހާސް ރެފިއުޖީންނެއް އަނބުރާ މިއަންމާ އަށް ފޮނުވާލައިފަ އެވެ. ބަންގްލަދޭޝް އިން މިހާރު ވަނީ ރެފިއުޖީންނަށް 14،000 ވަގުތީ ހިޔާ ހަދައިދޭން ނިންމައިފަ އެވެ. އަދި މި ތަންތަނުގައި ހުރިހާ ރެފިއުޖީންނަށް ހިޔާވަހިކަން ދެވޭނެ ކަމަށް ބަންގްލަދޭޝް އިން އުއްމީދު ކުރެ އެވެ.