ނިއުކްލިއާ ހަނގުރާމައަކުން ދުނިޔެ ސަލާމަތްކޮށްދިން މީހާ މަރުވެއްޖެ

މޮސްކޯ (ސެޕްޓެމްބަރު 19) - ފިނި ހަނގުރާމައިގެ އެންމެ ވަރުގަދަ ދުވަސްވަރު ނިއުކްލިއާ ހަނގުރާމައަކުން ދުނިޔެ ސަލާމަތްކޮށް ދިން ސޯވިއެޓް ކުރީގެ ސިފައިންގެ އޮފިސަރު ސްޓެނިސްލާވް ޕެޓްރޯފް އުމުރުން 77 އަހަރުގައި މަރުވެއްޖެ އެވެ.


އެމެރިކާ އިން 1983 ވަނަ އަހަރު މިސައިލްތަކެއް ފޮނުވި ކަމުގެ އިންޒާރު ރަޝިޔާގެ ކޮމްޕިއުޓާ ސިސްޓަމުން އޮޅުމަކުން ދިން އިރު ނިއުކްލިއާ ވޯނިން ސެންޓަރުގެ ޑިއުޓީގައި ހުރީ ޕެޓްރޯފެވެ. އޭނާ ނިންމީ އެއީ އޮޅުމަކުން ދިން އިންޒާރުގެ މެސެޖެއް ކަމަށެވެ. އެހެންވެ ޕެޓްރޯގެ މަތިން ތިބި ވެރިންނަށް އެ މެސެޖެއް ނުދެ އެވެ.

އަހަރުތަކެއް ފަހުން އެނގިފައި ވަނީ އެމެރިކާ އާއި ރަޝިޔާއާ ދެމެދު ނިއުކްލިއާ ހަނގުރާމައެއް ނުފެށުނީ ޕެޓްރޯފްގެ އެ ނިންމުމުގެ ސަބަބުން ކަމަށެވެ. އެހެން ނޫން ނަމަ ރަޝިޔާ އިން އެމެރިކާ އަށް ރައްދު ހަމަލާދީ ބޮޑު ހަނގުރާމައެއް ފެށުނީސް ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.

މޮސްކޯގައި ހުންނަ ޕެޓްރޯފްގެ ގޭގައި އޭނާ މަރުވެފައި ވަނީ މި އަހަރުގެ މެއި މަހު އެވެ. ނަމަވެސް އެ ޚަބަރު އޮތީ އިހަށް ދުވަހާ ހަމައަށް ސިއްރުކޮށްފަ އެވެ.

ބީބީސީ އަށް 2013 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ޕެޓްރޯފް ބުނީ ސެޕްޓެމްބަރު 26، 1983 ވަނަ ދުވަހު ފަތިހު ވަގުތެއްގައި އެމެރިކާ އިން މިސައިލްތަކެއް ފޮނުވާލިކަމުގެ އިންޒާރު ކޮމްޕިއުޓަރުން ލިބުނު ކަމަށެވެ.

"އެމެރިކާ އިން މިސައިލް ހަމަލާ ދޭ ކަމުގެ ހުރިހާ މައުލޫމާތެއް ލިބިފައި ވަނީ. އެ މައުލޫމާތު އަހަރެންގެ މަތިން ތިބި ވެރިންނަށް ފޮނުވި ނަމަ އެ މީހުން އެކަމާ ދެކޮޅަށް އެކައްޗެއް ވެސް ނުބުނާނެ،" ޕެޓްރޯލް ބުންޏެވެ.

އެކަމަކު ޕެޓްރޯފް ނިންމީ އެއީ މޮޅުމަކުން ދިން މެސެޖެއް ކަމަށާއި އެހެންވެ ސިސްޓަމުގައި މައްސަލައެއް އުޅޭކަން ރިޕޯޓް ކުރުމަށެވެ.

"އިންޒާރު ލިބުނުތާ 23 މިނިޓްވީ އިރު ވެސް އެއްވެސް ކަމެއް ނުވޭ. އަސްލު ހަމަލާއެއް ދިން ނަމަ އެހާ އިރުވާން ވާއިރު އޮންނާނީ ހަމަލާ އަރާފައި،" ޕެޓްރޯފް ބުންޏެވެ.

މި މައްސަލަ ފަހުން ތަހުގީގު ކުރުމަށް ފަހު ނިންމާފައި ވަނީ ރަޝިޔާގެ ސިސްޓަމުން މިސައިލުގެ އިންޒާރު ދީފައި ވަނީ ވިލާތަކަށް އަވި އެޅުމުން އެއީ ބެލެސްޓިކް މިސައިލް ކަމަށް ސޯވިއެޓް ސެޓެލައިޓްތަކަށް ހީވެގެންނެވެ.

ލެފްޓިނެންޓް ކާނަލެއްގެ މަގާމުގައި ރިޓަޔާކުރި ޕެޓްރޯފް މެއި 19 ގައި މަރުވެފައިވީ ނަމަވެސް އެ ޚަބަރު އެނގުނީ ޖަރުމަނުގެ ފިލްމު އުފައްދާ މީހެއް ކަމަށްވާ ކާލް ޝުމޭކާގެ ފަރާތުންނެވެ. އޭނާ ވަނީ ޕެޓްރޯފްގެ ވާހަކަ ބައިނަލްއަގުވާމީ އޯޑިއެންސަށް ގެނެސްދީފަ އެވެ. ޕެޓްރޯފްގެ އުފަން ދުވަހުގެ ތަހުނިޔާ ކިޔުމަށް ޝުމޭކާ މި މަހު 7 ވަނަ ދުވަހު ފޯނު ކުރުމުން އޭނާގެ ފިރިހެން ދަރިފުޅު ދިމިތުރީ ޕެޓްރޯފް ބުނެފައި ވަނީ ބައްޕަ ވަނީ މެއި މަހު 19 ވަނަ ދުވަހު މަރުވެފައި ކަމަށެވެ. އަދި ޝުމޭކާ ވަނީ އެ ޚަބަރު އޮންލައިންކޮށް އާއްމުކޮށްފަ އެވެ. މީޑިއާތަކަށް އެ މައުލޫމާތު އެނގުނީ ޝުމޭކާގެ ފަރާތުންނެވެ.