ހުރިހާ ރެފިއުޖީން އަނބުރާ މިއަންމާ އަށް ގެންދަން ޖެހޭނެ: ހަސީނާ

ނިއު ޔޯކް (ސެޕްޓެމްބަރު 20) - ރަކީން ސްޓޭޓުގެ ހަމަނުޖެހުންތަކުގެ ސަބަބުން ބަންގްލަދޭޝް އަށް ވަދެފައިވާ ހުރިހާ ރެފިއުޖީން އަނބުރާ މިއަންމާ އަށް ގެންދަން ޖެހޭނެ ކަމަށް ބޮޑު ވަޒީރު ޝެއިޚް ހަސީނާ ވިދާޅުވެއްޖެ އެެވެ.


ނިއު ޔޯކުގައި ބަންގްލަދޭޝްގެ އެކްޓިވިސްޓުންނާ ބައްދަލު ކުރައްވާ ހަސީނާ ވިދާޅުވީ މިއަންމާގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގުވާމީ ގޮތުން ވެސް އިތުރަށް ޕްރެޝަރު ކުރަން ޖެހޭ ކަމަށެވެ.

"މިއަންމާ ސަރުކާރަށް ވެސް ވާނީ އަންގާފައި ރޮހިންޖާ ރެފިއުޖީންނަކީ އެ ގައުމުގެ މީހުން ކަމަށް. އެހެންވެ އެ މީހުން އަނބުރާ ގެންދަން ޖެހޭނެ،" ހަސީނާ ވިދާޅުވި އެވެ.

ބޮޑު ވަޒީރު ވިދާޅުވީ ރެފިއުޖީން އަނބުރާ މިއަންމާ އަށް ގެންދިއުމަށް ޑިޕްލޮމެޓިކް ގޮތުން ވެސް ބަންގްލަދޭޝް އިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެކަމަކު މިއަންމާ ސަރުކާރުން އަޑެއް ނާހާ. ބޯޑަރު ކައިރީ އެ މީހުން ދަނީ މައިން ވަޅުލަމުން. ބޭނުމަކީ ރެފިއުޖީން އަނބުރާ މިއަންމާ އަށް ދިޔަ ނުދިނުން،" ހަސީނާ ވިދާޅުވި އެވެ.

މިއަންމާގެ ލީޑަރު އަން ސަން ސޫކީ އިއްޔެ ދެއްވި ބަޔާނުގައި ވަނީ ރެފިއުޖީން ޗެކް ކުުރުމަށް ފަހު އަނބުރާ ގައުމަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ރޮހިންޖާ ދަރިކޮޅު މީހުންނަކީ ގަވާއިދާ ޚިލާފަށް އުޅޭ ބައެއް ކަމަށް މިއަންމާ އިން ބުނެ އެވެ.

ނިއު ޔޯކުގައި އިސްލާމީ ގައުމުތަކުގެ ވެރިން ބޭއްވި ބައްދަލުވުމެއްގައި ހަސީނާ ވަނީ މިއަންމާ ރެފިއުޖީންނަށް އިތުރު އެހީ ދިނުމަށް އެދިވަޑައިގެންފަ އެވެ.

ބަންގްލަދޭޝްގެ ވަގުތީ ހިޔާތަކުގައި މިއަންމާގެ 420،000 ރެފިއުޖީން މިހާރު ދިރިއުޅެ އެވެ.