ހަތް އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލި މީހާ އާއްމުންގެ ތެރޭ ދަން ޖައްސައިފި

ތެހެރާން (ސެޕްޓެމްބަރު 21) - އީރާނުގެ ހަތް އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި ކަމުގެ ކުށުގައި 42 އަހަރުގެ ފިރިހެނަކު އާއްމުންގެ ތެރޭގައި އިއްޔެ ދަންޖައްސައިފި އެވެ.


އެ މީހާ ދަންޖައްސާފައި ވަނީ އަރްދީބިލް ޕްރޮވިންސްގައި އިއްޔެ ވަރަށް ހެނދުނާ އެވެ. އެ ޕްރޮވިންސްގެ ޕްރޮސެކިއުޓަރު ނާސިރު އަތަބާތީ ވިދާޅުވީ އާއްމުންގެ ތެރޭގައި އެ މީހާ ދަންޖެއްސީ ހަތް އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލުމުން އާއްމުންގެ ސިކުނޑިތަކުގައި އުފެދިފައިވާ ނުތަނަވަސް ކަމަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

އުމުރުން ހަތް އަހަރުގެ ކުއްޖާ ގެއްލުނީ ޖޫން 19 ވަނަ ދުވަހު އެވެ. އެ ކުއްޖާ ގެއްލުމާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ ގިނަ ބަޔަކު ކަންބޮޑުން ފާޅުކޮށްފަ އެވެ. އަންހެން ކުއްޖާ ހޯދާފައި ވަނީ ގަރާޖެއްގެ ތެރޭގައި މަރާލާފައި އޮއްވަ އެވެ. މި މައްސަލައިގެ ތުހުމަތުގައި 42 އަހަރުގެ މީހާ ހައްޔަރު ކުރުމުން އޭނާ ވަނީ ކުށަށް އިއުތިރާފްވެފައި ކަމަށް ޕްރޮސެކިއުޓާ ވިދާޅުވި އެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ މިއީ ބިރުވެރިކަން ބޮޑު ހާދިސާއެއް ކަމަށާއި އެހެންވެ އިންސާފު އަވަސްކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ. ތުހުމަތު ކުރި މީހާ ކުށަށް އިއުތިރާފްވުމާ އެކު މި މައްސަލައިގެ ޝަރީއަތް ފެށީ އޮގަސްޓް މަހު ފަހު ކޮޅު އެވެ. އަދި އޭނާގެ މަރުގެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކުރީ މި މަހު 11 ވަނަ ދުވަހު އެވެ.