ރޮހިންޖާ މައްސަލާގައި މަޝްވަރާ ކުރަން މިއަންމާގެ ޓީމެއް ޑާކާ އަށް

ކޮކްސް ބާޒާރު (ސެޕްޓެމްބަރު 27) - ރޮހިންޖާ ރެފިއުޖީންއާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިއަންމާގެ ޓީމެއް އަންނަ ހަފުތާގައި ބަންގްލަދޭޝް އަށް ދާގޮތަށް ހަމަޖެހިއްޖެ އެވެ.


ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ޝާހިދުލް ހައްގު ވިދާޅުވީ މިއަންމާގެ ޓީމުން މަޝްވަރާ ކުރާނީ ރޮހިންޖާ ރެފިއުޖީންގެ މައްސަލަ އަށް ޑިޕްލޮމެޓިކް ހައްލެއް ހޯދަން ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ. މިއަންމާ ވަފުދުގެ އިސްވެރިއަކަށް ހުންނަވާނީ ސްޓޭޓް ކައުންސެލާ އޮފީހުގެ މިނިސްޓަރު ކިޔޯ ޓިންޓް ސްވޭ އެވެ.

މިއަންމާގެ ރެފިއުޖީންގެ މައްސަލަ މިފަހަރު ގޯސްވުމުގެ ކުރިން ރޮހިންޖާ ރެފިއުޖީންގެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބަންގްލަދޭޝް އިން ވަނީ މިއަންމާ އަށް ދައުވަތު ދީފަ އެވެ. އަދި ބަންގްލަދޭޝް އިން ވަނީ ރެފިއުޖީންގެ މައްސަލަ ހައްލު ކުރަން ޑިޕްލޮމެޓިކް ބޮޑު މަސައްކަތެއް ފަށައިފަ އެވެ. ބޮޑު ވަޒީރު ޝެއިޚް ހަސީނާ ވަނީ ރޮހިންޖާ މުސްލިމުންނަށް މިއަންމާގައި ރައްކާތެރި ޒޯންތަކެއް ކަނޑައެޅުމަށް ހުށަހަޅުއްވައިފަ އެވެ.

މިއަންމާގެ ވަފުދު ބަންގްލަދޭޝް އަށް ދާކަން އިއުލާންކުރި އިރު އެންމެ ފަހުގެ ހަމަނުޖެހުންތަކުގައި މިއަންމާ ދޫކުރި ރެފިއުޖީންގެ އަދަދު ވަނީ 480،000 އަށް އަރައިފަ އެވެ. ބަންގްލަދޭޝްގައި ކުރިން ދިރިއުޅުނު 300،000 ރެފިއުޖީންނާ އެކު ކޮކްސް ބާޒާރު ރެފިއުޖީ ކޭމްޕްތަކުގައި އުޅޭ ރޮހިންޖާ ރެފިއުޖީންގެ އަދަދު ވަނީ 800،000 އަށް އަރައިފަ އެވެ.