ދަތުރުތަކެއްގެ މައްސަލާގައި އެމެރިކާގެ ހެލްތު މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ވޮޝިންޓަން (ސެޕްޓެމްބަރު 30) - ރަސްމީ ބޭނުންތަކުގައި ޕްރައިވެޓް މަތިންދާ ބޯޓުތަކުގައި އަގު ބޮޑު ދަތުރުތަކެއް ކުރެއްވި މައްސަލާގައި އެމެރިކާގެ ހެލްތު މިނިސްޓަރު ޓޮމް ޕްރައިސް އިސްތިއުފާ ދެއްވައިފި އެވެ.


މެއި މަހުގެ ފަހުން ޕްރައިސް ވަނީ ޕްރައިވެޓް ޖެޓްތަކުގައި 26 ދަތުރެއް ކުރައްވައިފަ އެވެ. މި ދަތުރުތަކަށް ވަނީ ޓެކްސް ދައްކާ މީހުންގެ ފައިސާ އިން 400،000 ޑޮލަރު ހޭދަވެފަ އެވެ. ޕްރައިސް ކުރިން ވަނީ އެކަމަށް މައާފަށް އެދިވަޑައިގެންފަ އެވެ.

އެމެރިކާ ސަރުކާރުގެ އޮފިޝަލުން، ގައުމީ ސަލާމަތާ ބެހޭ އޮފިޝަލުން ފިޔަވައި، މަސައްކަތާ ގުޅޭ ދަތުރުތައް ކުރަން ޖެހެނީ ކޮމާޝަލް ފްލައިޓްތަކުގަ އެވެ. ރަސްމީ މަސައްކަތްތަކާ ގުޅޭ ގޮތުން ޕްރައިވެޓް ބޯޓްތައް ބޭނުންކުރި މައްސަލާގައި ކެބިނެޓުގެ އިތުރު ތިން މެންބަރަކަށް ވެސް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

އެމެރިކާގެ ހެލްތު މިނިސްޓަރު ޓޮމް ޕްރައިސް (ކ) އާއި ރައީސް ޓްރަމްޕް. --ފޮޓޯ:ރޮއިޓާސް

ވައިޓްހައުސް އިން ނެރުނު ބަޔާނެއްގައި ބުނީ ޓޮމް ޕްރައިސްގެ އިސްތިއުފާ ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫލް ކުރައްވާފައިވާ ކަމަށެވެ. ހެލްތު މިނިސްޓްރީގެ ޑިޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ޑޮން ޖޭ ރައިޓަށް ވަނީ ހެލްތު މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފަ އެވެ.

އިސްތިއުފާގެ ސިޓީގައި ޕްރައިސް ވަނީ އޭނާ ކުރެއްވި ދަތުރުތަކަށް ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވީތީ އެކަމަށް ހިތާމަ ކުރައްވާ އަދި މައާފަށް އެދިވަޑައިގެންފަ އެވެ. ޕްރައިވެޓް ދަތުރުތަކަށް ހޭދަވި ފައިސާ އަނބުރާ ދައްކަވާނެ ކަމަށް ވެސް ޕްރައިސް ވިދާޅުވެފައިވެ އެވެ.