ދުންފަތާއި އެނާޖީ ޑްރިންކުގެ ޓެކްސް ޔޫއޭއީ އިން ދެ ގުނަ ބޮޑުކޮށްފި

ދުބާއީ (އޮކްޓޯބަރު 1) - ދުންފަތާއި އެނާޖީ ޑްރިންކުގެ ޓެކްސް ދެގުނަ ބޮޑު ކުރަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ނިންމައިފި އެވެ.


ޔޫއޭއީގައި އަލަށް އުފެއްދި ފެޑެރަލް ޓެކްސް އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް ޚާލިދު އަލް ބުސްތާނީ ވިދާޅުވީ އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށިގެން ދުންފަތާއި އެނާޖީ ޑްރިންކުން 100 ޕަސެންޓް ޑިއުޓީ ނަގާނެ ކަމަށެވެ. އެހެން ބާވަތްތަކުގެ ލުއި ބުއިންތަކުގެ ޓެކްސް ބޮޑު ކުރަން ނިންމާފައި ވަނީ 50 ޕަސެންޓެވެ.

ޓެކްސް ބޮޑުކޮށްގެން ޔޫއޭއީ އަށް ލިބޭނެ އާމްދަނީ އޭނާ ވިދާޅެއް ނުވެ އެވެ. ނަމަވެސް ދުންފަތާއި އެނާޖީ ޑްރިންކުގެ ޓެކްސް ބޮޑުކުރި އެއް ސަބަބަކީ ތެލުގެ އަގު ވެެއްޓިފައިވާތީ ޔޫއޭއީ އަށް ލިބޭ އާމްދަނީ އިތުރު ކުރުމެވެ. ދުންފަތާއި އެނާޖީ ޑްރިންކުގެ ޓެކްސް ބޮޑު ކުރަން ހަ ގައުމު ހިމެނޭ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ މެންބަރުންގެ މެދުގައި ވެސް ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. ޖީސީސީގައި ހިމެނެނީ ބަހުރޭން، ކުވޭތު، އޮމާން، ގަތަރު، ސައުދީ އަރަބިއާ އަދި ޔޫއޭއީ އެވެ. ތެލުގެ އަގު ދަށްވުމުން މި ހުރިހާ ގައުމެއްގެ އިގްތިސާދަށް ވެސް ވަނީ ގެއްލުންވާން ފަށައިފަ އެވެ.