ފިލިޕީންސްގެ އުއްތަމަ ފަނޑިޔާރާއި ޕީޖީ ވަކިކުރުމުގެ މަސައްކަތް ޑުޓާޓެ ފައްޓަވައިފި

މެނީލާ (އޮކްޓޯބަރު 6) - ފިލިޕީންސްގެ އުއްތަމަ ފަނޑިޔާރު މަގާމުން ދުރުކުރުގެ މަސައްކަތް ރައީސް ރޮޑްރިގޯ ޑުޓާޓެ އަށް ވަފާތެރި ކޮންގްރެސްގެ މެންބަރުން ފައްޓަވައިފި އެވެ.


ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެންބަރުން އިއްޔެ ބުނީ އުއްތަމަ ފަނޑިޔާރު މާރިއާ ލޯޑްސް ސެރީނޯގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނެ އެކަށީގެންވާ ހެކި އެބަހުރި ކަމަށެވެ. އުއްތަމަ ފަނޑިޔާރަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ޕްރޮފެޝަލްކޮށް މަސައްކަތް ނުކުރުމާއި އާމްދަނީގެ ތަފްސީލް ހާމަކޮށްފައި ނުވުމުން ހިމެނެ އެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސެރީނޯ އައްޔަން ކުރައްވާފައި ވަނީ ޑުޓާޓެގެ ކުރިން ފިލިޕީންސްގައި ވެރިކަން ކުރެއްވި ބެނީނޯ އަކީނޯ އެވެ. ޑުޓާޓެ ފައްޓަވާފައިވާ މަސްތުވާތަކެއްޗާ ދެކޮޅު ހަނގުރާމައާ މެދު އުއްތަމަ ފަނޑިޔާރު ވަނީ ސުވާލު އުފައްދަވައިފަ އެވެ. ޑުޓާޓެ ވަނީ އޭނާ ފައްޓަވާފައިވާ އެ ހަނގުރާމައާ ފަނޑިޔާރުން ނުބެހުމަށް އިންޒާރު ދެއްވައިފަ އެވެ.

ފިލިޕީންސްގެ ޕްރޮސެކިއުޓަރު ކޮންޗިޓާ ކާޕިއޯ-މޮރޭލްސް މަގާމުން ދުރުކުރާނެ ކަމަށް ޑުޓާޓެ ވަނީ ވިދާޅުވެފަ އެވެ. ޕްރޮސެކިއުޓާގެ އޮފީހުން މިދިޔަ މަހު ވަނީ ޑުޓާޓެ ސިއްރު ބޭންކް އެކައުންޓްތަކެއްގެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފަ އެވެ. އެ އެކައުންޓްތަކުގައި 20 މިލިއަން ޑޮލަރު ހުރި ކަމަށްވެ އެވެ. ކާޕިއޯ-މޮރޭލްސް އަކީ ވެސް އަކީނޯ އައްޔަން ކުރައްވާފައިވާ ފަރާތެކެވެ.

ޑުޓާޓެ ވިދާޅުވެފައި ވަނީ ފޮރުވައިގެން ގެންގުޅޭނެ މުއްސަނދިކަމެއް އޭނާގެ ނޯންނާނެ ކަމަށެވެ. ރައްދުގައި ޕްރޮސެކިއުޓާ ކާޕިއޯ-މޮރޭލްސް ވަނީ އެހެންވިއްޔާ ޑުޓާޓެ ބިރުފުޅު ގަންނަނީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ.