15 ބިލިއަން ޑޮލަރުގެ މިސައިލް ސިސްޓަމެއް ސައުދީން ގަންނަނީ

ޔުނައިޓެޑް ސްޓޭޓްސް (އޮކްޓޯބަރު 8) - ފަނަރަ ބިލިއަން ޑޮލަރުގެ އަގުހުރި މިސައިލުން ދިފާއުވެވޭ ނިޒާމެއް ސައުދީ އަރަބިއާ އަށް ވިއްކަން އެމެރިކާ އިން އެއްބަސްވެއްޖެ އެވެ.


ސައުދީ އަށް ވިއްކާ ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) ސިސްޓަމަކީ މިސައިލުން ދިފާއުވެވޭނެ އެންމެ ފުރިހަމަ ނިޒާމު ކަމަށް އެމެރިކާ އިން ބުނެ އެވެ. މީގެ ސިސްޓަމެއް އެމެރިކާ އިން ވަނީ ސައުދީގެ އަވަށްޓެރިން ކަމަށްވާ ގަތަރާއި ޔޫއޭއީ އަށް ވެސް ވިއްކައިފަ އެވެ.

ޕެންޓަގަނުގެ ޑިފެންސް ސެކިއުރިޓީ ކޯޕަރޭޝަން އެޖެންސީން ބުނީ މިއީ އީރާން ފަދަ ގައުމުތަކުގެ ނުރައްކަލުން ސައުދީ އަރަބިއާ އާއި ގަލްފުގެ އެހެން ގައުމުތަކަށް ރައްކާތެރިކަން ދިނުމަށް ކުރާ ކަމެއް ކަމަށެވެ. އެމެރިކާގެ ކޮންގްރެސް އިން 30 ދުވަސްތެރޭ ދެކޮޅު ނުހަދައިފި ނަމަ ސައުދީ އަށް މިސައިލް ސިސްޓަމް ވިއްކުން ކުރިއަށްދާނެ އެވެ.

މިސައިލުން ދިފާއުވާ ނިޒާމެއް އެމެރިކާ އިން ވަނީ ސައުތު ކޮރެއާގައި ގާއިމްކޮށްފަ އެވެ. އެއީ ނޯތު ކޮރެއާގެ އިންޒާރުތަކާ ގުޅިގެން ގާއިމްކުރި ސިސްޓަމެކެވެ.