ރޮހިންޖާ ބޯޓެއް ފެތި 12 މީހުން މަރުވެއްޖެ

ކޮކްސް ބާޒާރު (އޮކްޓޯބަރު 9) - ރޮހިންޖާ މުސްލިމުން ގޮވައިގެން މިއަަންމާ އިން ދަތުރުކުރި ކުޑަ ބޯޓެއް ފެތި 12 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.


ބަންގްލަދޭޝް އަށް އެތެރެވާން ދަތުރުކުރާ ނަފް ކޯރު ހުރަސް ކުރަނިކޮށް ބޯޓު ފެތި އެތައް ބަޔަކު ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ. ބޯޓުގައި ކުޑަ ކުދިންނާ އެކު 100 މީހުން ތިބި ކަމަށްވެ އެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އިއްޔެ ހަވީރު ވަނީ ފަށައިފަ އެވެ.

ރެފިއުޖީން އުފުލާ ބޯޓަކުން މީހުން ބާލަނީ. --ފޮޓޯ:އޭއެފްޕީ

ބޯޑާ ގާޑް ބަންގްލަދޭޝް (ބީޖީބީ) ގެ އޮފިޝަލް އަބްދުލް ޖަލީލް އޭއެފްޕީ އަށް ވިދާޅުވީ މަރުވި 12 މީހުންގެ ތެރޭގައި 10 ކުޑަ ކުދިން ހިމެނޭ ކަމަށެވެ. އަަދި 13 މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ.

ރަކީން ސްޓޭޓުން ދަތުރުކުރާ މީހުން ކޯރަށް ފެތި މީގެ ކުރިން ވެސް ވަނީ އެތައް ބަޔަކު މަރުވެފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު ވެސް ވަނީ ބޯޓެއް ފެތި 60 މީހުން މަރުވެފަ އެވެ.

މިއަންމާގެ ރަކީން ސްޓޭޓުގައި އޮގަސްޓް މަހު ފަހުކޮޅު ހަމަނުޖެހުންތައް ހިނގަން ފެށި ފަހުން މިހާތަނަށް ވަނީ ބައި މިލިއަނަށް ވުރެ ގިނަ މީހުން ބަންގްލަދޭޝް އަށް އެތެރެވެފަ އެވެ. މިއަންމާ ސިފައިން ދަނީ ރަކީންގައި އަނިޔާވެރި އަމަލުތައް ހިންގާ ބައެއް އަވަށްތަކުގައި ހުޅުޖަހަމުންނެވެ.