އިންޑިއާ ރޭޕް: 10 އަހަރުގެ ކުއްޖާ ރޭޕްކުރީ ދެވަނަ ބޮޑުބޭބެ

ނިއު ދިއްލީ (އޮކްޓޯބަރު 10) - ބޮޑު ބޭބެއެއްގެ ރޭޕުގެ ޝިކާރައަކަށްވެ ބަލިވެ އިނދެ ވިހޭ އިންޑިއާގެ 10 އަހަރުގެ އަންހެން ކުއްޖާގެ ދަރިފުޅުގެ ބައްޕައަކީ މި މައްސަލާގައި ފަހުން ހައްޔަރުކުރި ދެ ވަނަ ބޮޑުބޭބެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


މި މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކުރި ބޮޑުބޭބެ އާއި ކުޑަ ދަރިފުޅުގެ ޑީއެންއޭ ޓެސްޓުގެ ނަތީޖާ ދިމާ ނުވާ ކަމަށް ފުލުހުން ބުނުމާ އެކު މައްސަލައިގެ ތަހުގީގު ވަނީ ފުޅާކޮށްފަ އެވެ. ފަހުން ހައްޔަރުކޮށްފައި ވަނީ ރޭޕުގެ މައްސަލައިގައި ފުރަތަމަ ތުހުމަތު ކުރި ބޮޑު ބޭބެގެ ކޮއްކޮ އެވެ.

ފުލުހުން މިހާރު ދަނީ ދެ ވަނަ ބޮޑުބޭބެގެ މައްޗަށް ދައުވާ ކުރަން ތައްޔާރުވަމުންނެވެ. ޗަންދިގާރު ސީނިއާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނީލަމްބާރީ ވިޖޭ ބީބީސީ އަށް ވިދާޅުވީ ކުޑަ ކުއްޖާގެ ޑީއެންއޭ އާއި ދެވަނަ ބޮޑުބޭބެގެ ޑީއެންއޭ ދިމާވާ ކަމަށެވެ.

ކުރިން ބެލެވިފައި ވަނީ ކުޑަ ކުއްޖާ ރޭޕްކޮށްފައި ވަނީ ފުރަތަމަ ހައްޔަރުކުރި ބޮޑުބޭބެ ކަމަށެވެ. އަދި ބޮޑު ބޭބެ ހައްޔަރުކޮށް އޭނާގެ މައްޗަށް ވަނީ ރޭޕުގެ ދައުވާ ވެސް ކޮށްފަ އެވެ. ނަމަވެސް ފަހުގެ ފޮރެންސިކް ޓެސްޓުން ދައްކާފައި ވަނީ ކުޑަ ދަރިފުޅުގެ ޑީއެންއޭއާ ބޮޑު ބޭބެގެ ޑީއެންއޭ ދިމާ ނުވާ ކަމަށެވެ. އެކަމަކު އެ ކުއްޖާ ރޭޕްކޮށްފައިވާތީ ފުރަތަމަ ހައްޔަރުކުރި ބޮޑުބޭބެ ވެސް ބަންދުގައި ބަހައްޓާނެ އެވެ.

އިންޑިއާގެ ކުޑަ ކުދިންގެ އާބާދީ 400 މިލިއަނަށް އަރާ. --ފޮޓޯ:އޭއެފްޕީ

ދިހަ އަހަރުގެ ކުއްޖާ ބަލިވެއިންކަން އެނގުނީ ޖުލައި މަހު މެދުތެރޭގަ އެވެ. ކުއްޖާ ބަނޑުގައި ރިއްސާ ކަމަށް ބުނުމުން ބެލެނިވެރިން ހޮސްޕިޓަލަށް ގެންގޮސް ޓެސްޓްކުރި އިރު އެ ކުއްޖާ ބަނޑު ބޮޑެވެ. ޑޮކްޓަރުންގެ ޕެނަލަކުން ލަފާ ދިނުމުން ޗަންދިގާރުގެ ކޯޓަކުން ވަނީ ކުއްޖާގެ އެބޯޝަން ހެދުމަށް ދެކޮޅު ހަދައިފަ އެވެ. އަދި ފަހުން ވަނީ އިންޑިއާގެ ސުޕްރީމް ކޯޓުން ވެސް އެކަމަށް ދެކޮޅު ހަދައިފަ އެވެ. އެ ކުއްޖާ ވިހެއީ އޮގަސްޓް މަހު އެވެ. ޗާންދިގާރުގެ ހޮސްޕިޓަލެއްގައި ސިޒޭރިއަން ހަދައިގެން ނެގި ކުޑަ ދަރިފުޅުގެ ބަރުދަނުގައި 2.5 ކިލޯ ހުއްޓެވެ.

އެ ކުއްޖާގެ ދަރިވައްޓާލުމުގެ ހުއްދަ އަށް ސުޕްރީމް ކޯޓުގައި އެދުނު ނަމަވެސް އެ ހުއްދަ ދީފައި ނުވަނީ ޑޮކްޓަރުންގެ ޕެނަލެއްގެ ލަފައާ އެކު އެވެ. ޑޮކްޓަރުން ބުނެފައި ވަނީ 32 ހަފުތާގައި ދަރިވައްޓާލުމަކީ ގެއްލުން ހުރި ކަމެއް ކަމަށެވެ.

މާބަނޑު މީހާގެ ސިއްހަތަށް ވަރަށް ބޮޑަށް ނުރައްކާވެފައިވާ ހާލަތެއްގައި މެނުވީ 20 ހަފުތާ އަށް ފަހު ދަރިވައްޓާލުމަކީ އިންޑިއާގެ ގާނޫނުތައް މަނާކުރާ ކަމެކެވެ. ދަރިވައްޓާލުން މަނާކުރުމަށް ހަރުކަށި ގާނޫނުތައް އިންޑިއާގައި ފާސްކޮށްފައި ވަނީ ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސް ޓެސްޓް ކުރުމަށް ފަހު އަންހެން ކުއްޖެއް ނަމަ ދަރިވައްޓާލާ މައްސަލަ ބޮޑުވުމުންނެވެ. ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސް ބެލުމަކީ އިންޑިއާގައި މަނާކޮށްފައިވާ ކަމެކެވެ.

ގޭގޭގައި މަސައްކަތު މީހެއްގެ ގޮތުގައި އުޅޭ އެ ކުއްޖާގެ މަންމަ ގިނަ ވަގުތު ގެއިން ބޭރުގައި އުޅޭ އިރު ކުއްޖާ އަށް ވަރަށް ގިނަ އިން ބޮޑު ބޭބެ ޖިންސީ ގޯނާކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އެ ވާހަކަ ނުދެއްކުމަށް ކުއްޖާ އަށް ބޮޑު ބޭބެ ބިރު ދައްކާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ބޮޑު ބޭބެ ފުރަތަމަ ހައްޔަރު ކުރީ ކުއްޖާގެ މަންމަ ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.