ދަރިވަރުންގެ އިމްތިހާނުން ނައިޖީރިއާގެ ޓީޗަރުން ފެއިލް

އަބޫޖާ (އޮކްޓޯބަރު 11) - ނައިޖީރިއާގެ ހަ ވަނަ ގްރޭޑުގެ ދަރިވަރުންނަށް ބާއްވާ އިމްތިހާނުން ފެއިލްވި އެ ގައުމުގެ އުތުރުގެ ކަދުނާ ސްޓޭޓުގެ ގިނަ އަދަދެއްގެ ޕްރައިމަރީ ޓީޗަރުން ވަޒީފާ އިން ވަކިކުރަން ނިންމައިފި އެވެ.


ސްޓޭޓުގެ ގަވަރުނަރު ނާސިރު އަލް ރޫފައި ވިދާޅުވީ 21،780 ޓީޗަރުން ނުވަތަ ޓީޗަރުންގެ ތިންބައއިކުޅަ ދެބައި ޓީޗަރުންނަށް، ދަރިވަރުންނަށް ދޭ ޓެސްޓުން 75 ޕަސެންޓް މާކްސް ހޯދިފައި ނުވާ ކަމަށެވެ. އަދި އެ ޓީޗަރުންގެ ބަދަލުގައި އިތުރަށް 25،000 ޓީޗަރުން ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލް ރޫފައި މިހެން ވިދާޅުވީ ވޯލްޑް ބޭންކުގެ މަންދޫބުންތަކަކާ އެކު ސްޓޭޓުގެ ވެރިރަށް ކަދުނާގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.

"މީގެ ކުރިން ޓީޗަރުން ވަޒީފާ އަށް ނެގުން އޮންނަނީ ސިޔާސީވެފައި. އެކަމަކު އެކަން ބަދަލުކޮށް ޒުވާން، ކޮލިފައިޑް ޓީޗަރުން ޕްރައިމަރީ ސްކޫލްތަކަށް ނަގަން މިހާރު ވަނީ ނިންމާފައި. އެއީ ސްޓޭޓުގެ ތައުލީމުގެ އަގު ހިފަހައްޓަން ކުރަން ޖެހޭކަމެއް،" ނައިޖީރިއާގެ ޑެއިލީ ޓްރަސްޓް ނޫހަށް އޭނާ ވިދާޅުވި އެވެ.

އަލް ރޫފައި ވިދާޅުވީ ޓީޗަރުންނާއި ދަރިވަރުންގެ ރޭޝިއޯގެ މައްސަލަ ވެސް ސަމާލު ކަމަށް ގެންނާނެ ކަމަށެވެ. އަދި ބައެއް އޭރިއާތަކުގައި ކޮންމެ ނުވަ ދަރިވަރަކަށް ޓީޗަރަކު ހުންނަ އިރު އަނެއްބައި އޭރިއާތަކުގައި 100 ދަރިވަރަކަށް ޓީޗަރަކު ހުންނަ ކަމަށް ވެސް ވިދާޅުވި އެވެ.