އިންޑިއާއާ ދެކޮޅު މުޒާހަރާއަކުން ރާޖަޕަކްސާގެ ދަރިކަލުން ހައްޔަރުކޮށްފި

ކޮލަމްބޯ (އޮކްޓޯބަރު 11) - އިންޑިއާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރޭން، ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ދަރިކަލުން އަދި ޕާލަމެންޓް މެންބަރު ނަމާލް ރާޖަޕަކްސާ އިއްޔެ ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ ނަމާލް ހައްޔަރުކުރީ ދެކުނުގެ ހަމްބަންޓޯޓާ ޓައުނުގެ އިންޑިއާ ކޮންސިއުލޭޓުގެ ބޭރުގައި ބޭއްވި ގާނޫނު ޚިލާފު އެއްވުމެއްގައި ބައިވެރިވެގެން ކަމަށެވެ. ފުލުހުންގެ ސުޕްރިންޓެންޑެންޓް ރުވާން ގުނަސޭކަރަ ވިދާޅުވީ ކުރީގެ ރައީސްގެ ދޮށީ ދަރިކަލުން ވަނީ މަގުމަތީ އެއްވުންތައް ބޭއްވުމާ ދެކޮޅަށް ކޯޓުން ނެރެފައިވާ އަމުރާ ޚިލާފުވެ އަދި ސަރުކާރުގެ މުދަލަށް ގެއްލުންދީފައި ކަމަށެވެ. ނަމާލްއާ އެކު ވަނީ ޕާލަމެންޓުގެ އިތުރު ދެ މެންބަރަކު ވެސް ހައްޔަރުކޮށްފަ އެވެ.

މުޒާހަރާކޮށްފައި ވަނީ ނަމާލްގެ ބައްޕާފުޅުގެ ނަމަށް ނިސްބަތްކޮށް ހަމްބަންޓޯޓާގައި ހަދާފައިވާ އެއާޕޯޓް އިންޑިއާ އަށް ވިއްކާލަން އުޅޭތީ އެކަމާ ދެކޮޅަށެވެ. ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި ނަމާލް ވަނީ އިންޑިއާއާ ދެކޮޅަށް މުޒާހަރާގައި އަޑު އުފުލައިފަ އެވެ. ނަމާލް ތުހުމަތު ކުރެއްވި ގޮތުގައި އިންޑިއާގެ ކުންފުންޏަކަށް އެއާޕޯޓް ދޭން އުޅެނީ ނުއަގުގަ އެވެ.

މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަ ގޭސް ޖަހައިފަ އެވެ. ޑިޕްލޮމެޓިކް ކަމްޕައުންޑަށް ވަންނަން އުޅުނު މީހުން ހުއްޓުވަން އުޅުމުގައި ހަތަރު ފުލުހަކަށް ވަނީ އަނިޔާވެފަ އެވެ.

ހަމްބަންޓޯޓާގެ 210 މިލިއަން ޑޮލަރުގެ އެއާޕޯޓު ވިއްކާލަން އުޅޭ ވާހަކަ ސަރުކާރުން ދޮގު ކުރެ އެވެ. ނަމަވެސް ޖޮއިންޓް ވެންޗާއެއްގެ ދަށުން ހަމްބަންޓޯޓާ އެއާޕޯޓް ހިންގަން އިންޑިއާ ކުންފުނިތަކުން ޝައުގުވެރިވެފައިވާ ކަމަށް ކޮލަމްބޯ އިން ބުނެ އެވެ.

ހަމްބަންޓޯޓާގެ ބަނދަރު ލަންކާ އިން ޖުލައި މަހު ވަނީ ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް ވިއްކާލައިފަ އެވެ. ރާޖަޕަކްސާގެ ވެރިކަމުގައި އެމަނިކުފާނުގެ އުފަން ޓައުނުގައި އެއާޕޯޓާއި ބަނދަރު އަދި އެނޫންވެސް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރަން ޗައިނާ އިން ވަނީ 80 ބިލިއަން ޑޮލަރުގެ ލޯނު ނަގައިފަ އެވެ.