ލަސް ވެގަސް ހަމަލާ: ކޮންސެޓަށް ބަޑިޖެހުމުގެ ކުރިން ގާޑަށް ހަމަލާދިން

ލަސް ވެގަސް (އޮކްޓޯބަރު 11) - އެމެރިކާގެ ލަސް ވެގަސްގެ މިއުޒިކް ކޮންސެޓަކަށް ބަޑިޖެހި މީހާ ވަނީ އެ ހަމަލާގެ ހަ މިނިޓް ކުރިން ހޮޓަލުގެ ގާޑަކަށް ހަމަލާދީފައި ކަމަށް ފުލުހުން ބުނެފި އެވެ.


ފުލުހުން ކުރިން ބުނީ ގާޑު ވަނީ ކޮންސެޓަށް ބަޑިޖަހަން އުޅުނު ސްޓެފަން ޕެޑޮކަށް ހުރަސް އަޅައިފައި ކަމަށެވެ. ލަސް ވެގަސް ހަމަލާގައި ވަނީ ކޮންސެޓުގައި ތިބި 22،000 މީހުންގެ ތެރޭން 58 މީހުން މަރުވެފަ އެވެ. ފުލުހުން ކުރިން ދިން ހަމަލާގެ ޓައިމްލައިން ބަދަލުކޮށް ފަހުން ބުނެފައި ވަނީ ހޮޓަލުގެ ގާޑު ޖީސަސް ކެމްޕޯސްގެ ފަޔަށް ބަޑިޖަހާފައި ވަނީ 21:59 ގައި ކަމަށެވެ. އަދި ކޮންސެޓުގައި ތިބި މީހުން ގަޔަށް ހޮޓަލުގެ 32 ބުރިން ޕެޑޮކް ހަމަލާ ދޭން ފަށާފައި ވަނީ 22:05 ގަ އެވެ. އޭނާ ބަޑީގެ ހަމަލާތައް ހުއްޓާލީ 22:15 ގަ އެވެ. ޕެޑޮކް ހަމަލާ ދިން ފްލޯ އަށް ފުލުހުންގެ ފުރަތަމަ އޮފިސަރަށް ދެވުނީ 22:17 ގަ އެވެ. އަދި ޕެޑޮކުގެ ކޮޓަރީގެ ކައިރީގައި ޒަޚަމްވެފައި އޮތް ގާޑު ފުލުހުންގެ މީހާ އަށް ފެނުނީ އޭގެ މިނިޓެއްހާ އިރު ފަހުން ކަމަށްވެ އެވެ. ޕެޑޮކުގެ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ސްވޮޓް ޓީމު އެތެރެއަށް ވަނީ 23:20 ގަ އެވެ. އޭރު ޕެޑޮކް އޮތީ އަމިއްލަ އަށް ގަޔަށް ބަޑި ޖަހައިގެން މަރުވެފަ އެވެ.

ފުލުހުން ބުނީ ޕެޑޮކް ވަނީ އޭނާ ހުރި ކޮޓަރި އާއި ކޮޓަރިން ބޭރުގައި ކެމެރާ ހަރުކޮށްފައި ކަމަށެވެ. އަދި އެއީ އޭނާ ދޭން އުޅުނު ހަމަލާ އަށް ހުރަސް އަޅަން ބަޔަކު އަތުވެދާނެތީ ބަލަން ކޮށްފައިވާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ލަސް ވެގަސް ފުލުހުން ބުނީ ތަހުގީގު ކުރިއަށްދާ އިރު ކުރިން ހާމަކުރި ބައެއް މައުލޫމާތު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ހަމަލާ ދިނުމުގައި ޕެޑޮކުގެ ބޭނުމަކީ ކޮބައިތޯ ފުލުހުން މިހާރު ދަނީ އެކި ފަރާތްތަކާ ސުވާލުކޮށްގެން ހޯދަމުންނެވެ.