ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ ބޮމެއް ގޮވައި މެލޭޝިއާ އިން މީހަކު މަރުވެއްޖެ

ކުއާލަ ލަމްޕޫރު (އޮކްޓޯބަރު 11) - މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގައި އެމްއާރުޓީ ކޮންސްޓްރަކްޝަން ސައިޓެއްގައި، ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ ބޮމެއް ގޮވައި އެކަކު މަރުވެ އިތުރު ދެ މީހަކަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް މިއަދު ބުނެފި އެވެ.


ބަންދާރު މެލޭޝިއާ ކޮންސްޓްރަކްޝަން ސަައިޓުގައި އިއްޔެ އެއްޗެއް ގޮވިކަން ކުއާލަ ލަމްޕޫރު ފުލުހުންގެ ވެރިޔާ އަމަރު ސިންހު ވެސް ޔަގީން ކޮށްދެއްވި އެވެ. ނަމަވެސް އެއީ ކޮންބާވަތެއްގެ ބޮމެއްކަން އޭނާ ވިދާޅުނުވާ ކަމަށް ސްޓާ ނޫހުން ބުންޏެވެ.

"ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓުގައި ބޮން ގޮވީ ކުއްލިއަކަށް،" ފުލުހުންގެ ވެރިޔާ ވިދާޅުވި އެވެ.

އެމްއާރުޓީގެ މައި ކޮންޓްރެކްޓާ އެމްއެމްސީ-ގަމޫދާ އިން ބުނީ އަންގާރަ ދުވަހު ހިނގި ހާދިސާގައި އެ ކުންފުނީގެ މުވައްޒަފަކު މަރުވެފައިވާ ކަމަށާއި އިތުރު ދެ މުވައްޒަފެއްގެ ހާލު ސީރިއަސް ކަމަށެވެ.

ބައެއް ރިޕޯޓްތައް ކުރިން ބުނި ގޮތުގައި ޒަޚަމްވި މީހުންގެ ފައި ވެސް ވަނީ ބުރިވެފަ އެވެ. ފުލުހުން މިހާރު ގެންދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.