ކެޓަލޯނިއާގެ ލީޑަރުންނަށް ފަސް ދުވަހުގެ މުހުލަތެއް ދީފި

މެޑްރިޑް (އޮކްޓޯބަރު 12) - ކެޓަލޯނިއާގެ މިނިވަންކަން އިއުލާންކުރާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ކެޓަލޯނިއާގެ ލީޑަރަށް ފަސް ދުވަހުގެ މުހުލަތެއް ސްޕޭނުން ދީފި އެވެ.


ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ސްޕޭނުގެ ބޮޑު ވަޒީރު މާރިއާނޯ ރާޔޯއީ ވިދާޅުވީ މިނިވަންކަން އިއުލާން ކުރުމާމެދު ގޮތެއް ނިންމުމަށް ކެޓަލޯނިއާގެ ލީޑަރު ކާލްސް ޕުޖްޑެމޮން އަށް އަންނަ ހޯމަ ދުވަހުގެ 10 އާ ހަމައަށް މުހުލަތު ދީފައިވާ ކަމަށެވެ. އަދި ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރާނެތޯ ނުވަތަ ނޫންތޯ ސާފުވެފައި އޮތުމަކީ މުހިންމު ކަމެއް ކަމަށް ބޮޑު ވަޒީރު ވިދާޅުވި އެވެ.

ކެޓަލޯނިއާގެ ރީޖަނަލް ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ޕުޖްޑެމޮން ވިދާޅުވީ ރައްޔިތުންގެ ނިންމުން އޭނާ ގަބޫލްކޮށްފައިވާ ކަމަށެވެ. ނަމަވެސް ސްޕޭން ސަރުކާރާ މަޝްވަރާކޮށްގެން ސުލްހަވެރި ގޮތުގައި ހައްލެއް ހޯދުމަށް، މިނިވަންކަން އިއުލާން ކުރުން މަޑުޖައްސާލާފައިވާކަން ޕުޖްޑެމޮން ވަނީ އިއުލާން ކުރައްވައިފަ އެވެ. ސްޕޭނުން ބުނެފައި ވަނީ ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރުމާ މެދު ކުރާނެ މަޝްވަރާއެއް ނޯންނާނެ ކަމަށެވެ.

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބަލަން މި މަހު 1 ވަނަ ދުވަހު ނެގި ވޯޓުގައި، ވޯޓު ދިން މީހުންގެ 90 ޕަސެންޓް ވަނީ މިނިވަންކަމަށް ތާއީދުކޮށްފަ އެވެ.

ކެޓަލޯނިއާގެ ވެރިން އަންގާރަ ދުވަހު ވަނީ މިނިވަންކަމުގެ ގަރާރުގައި ސޮއިކޮށްފަ އެވެ. އެކަމަކު ސްޕޭނުން ވަނީ މި ގަރާރާ ދެކޮޅު ހަދައިފަ އެވެ.

ސްޕޭނުން ބުނެފައި ވަނީ ކެޓަލޯނިއާގައި ބޭއްވީ ގާނޫނާ ޚިލާފު ވޯޓެއް ކަމަށާއި އެ ވޯޓުގެ ނަތީޖާގެ ސައްހަކަމެއް ނެތް ކަމަށެވެ.