މިއަންމާ ސިފައިން ދަނީ ރޭވުމެއްގެ ދަށުން ރޮހިންޖާ މީހުން ބޭރުކުރަމުން

ކޮކްސް ބާޒާރު (އޮކްޓޯބަރު 12) - މިއަންމާ ސިފައިން ދަނީ ރޮހިންޖާ މުސްލިމުން ރަކީން ސްޓޭޓުން ބޭރު ކުރަން ވަކި ރޭވުމެއްގެ ދަށުން މަސައްކަތް ކުރަމުން ކަމަށް އދ. އިން ބުނެފި އެވެ.


"ރަކީން ސްޓޭޓުގައި މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ހަމަލާ ދެނީ ދުރާލާ ރާވައިގެން ވަކި ޕްލޭނެއްގެ ދަށުން. އޭގެ ބޭނުމަކީ ހަމައެކަނި ރޮހިންޖާ މީހުން މިއަންމާ އިން ބޭރުކޮށްލުމެއް ނޫން. އޭގެ ބަދަލުގައި މިއަންމާ ދޫކޮށްދާން މަޖްބޫރު ކުރާ ރެފިއުޖީންނަށް ދެން އަނބުރާ އެ މީހުންގެ ގެދޮރަށް ނާދެވޭނެ ގޮތް ވެސް ހެދުން،" އދ.އިން ތައްޔާރުކުރި ތަހުގީގު ރިޕޯޓުގައި ބުނެފައިވެ އެވެ.

އދ. އިން ރިޕޯޓް ތައްޔާރުކޮށްފައި ވަނީ ރަކީންގައި އޮގަސްޓް 25 ވަނަ ދުވަހު ހަމަލާދޭން ފެށި ފަހުން މިއަންމާ އިން ބަންގްލަދޭޝް އަށް އެތެރެވި މީހުންނާ އިންޓަވިއުކޮށްގެންނެވެ. މި އިންޓަވިއުތައް ކޮށްފައި ވަނީ ސެޕްޓެމްބަރު 14-24 އާ ދެމެދު އެވެ. އދ.ގެ ޓީމުން ވަނީ 65 އިންޓަވިއުގައި އެތައް ހާސް ބަޔަކާ ވާހަކަ ދައްކައިފަ އެވެ. ބައެއް އިންޓަވިއުތަކުގައި ވަނީ 40 މީހުންގެ ގްރޫޕްތަކާ ވެސް ވާހަކަ ދައްކައިފަ އެވެ. އދ. އިން ލަފާކުރާ ގޮތުގައި ބައި މިލިއަނެއްހާ ރެފިއުޖީން ވަނީ ބަންގްލަދޭޝް އަށް އެތެރެވެފަ އެވެ.

މިއަންމާގައި ސިފައިން ފެށި އޮޕަރޭޝަނަކީ "ރަކީން ސްޓޭޓުން މުސްލިމުން ހުސްކޮށްލަން" ފެށި މަސައްކަތެއްގެ ގޮތުގައި އދ. އިން ފާހަގަކޮށްފައިވީ ނަމަވެސް މިއަންމާ ސިފައިން ބުނެފައި ވަނީ އެއީ ރޮހިންޖާ ހަނގުރާމަވެރިން އޮގަސްޓް 25 ވަނަ ދުވަހު ދިން ހަމަލާތަކަށް ރައްދު ދޭން ފެށި އޮޕަރޭޝަނެއް ކަމަށެވެ.

ރަކީންގެ ބައެއް ހިސާބުތަކުގައި މުސްލިމުންނަށް ހަމަލާ ދޭން ފެށުމުގެ ކުރިން މިއަންމާ ސިފައިން ވަނީ "މިއީ ކަލޭމެންނަށް ދިރިއުޅުމުގެ ހައްގު އޮތްތަނެއް ނޫން ކަމަށާއި ބަންގްލަދޭޝް އަށް ދިއުމަށް" އަޑުގަދަކުރާ ބޭނުންކޮށްގެން ގޮވައިފަ އެވެ.

"ކަލޭމެން މި އަވަށުން ނުނިކުމެއްޖެ ނަމަ ކަލޭމެންގެ ގެދޮރުގައި އަލިފާން ޖަހާ، ކަލޭމެން ވެސް މަރާލާނަން،" އދ.ގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މިއަންމާ ސިފައިންގެ އޮޕަރޭޝަނުގައި ޓީޗަރުންނާއި ސަގާފީ، ދީނީ އަދި ކޮމިއުނިޓީ ލީޑަރުންނަށް އަމާޒުކޮށްފައިވާ ކަމަށް ވެސް އދ.ގެ ރިޕޯޓުގައި ބުނެފައިވެ އެވެ. ބޭނުމަކީ ރޮހިންޖާގެ ތާރީޚާއި ސަގާފަތް ނެތިކޮށްލުން ކަމަށް ވެސް ބުނެފައިވެ އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނާ ޒައިދު ރާދު އަލް ހުސައިން ވަނީ ރަކީންގައި މިއަންމާ ސިފައިން ހިންގަނީ ނަސްލެއް ނެތިކޮށްލުމުގެ މަސައްކަތް ކަމަށް ވިދާޅުވެފަ އެވެ.