ކެލިފޯނިއާގެ އަލިފާނުގައި 100 އަހަރުގެ ދެމަފިރިން މަރު

ކެލިފޯނިއާ (އޮކްޓޯބަރު 12) - އެމެރިކާގެ ކެލިފޯނިއާގެ ފަހުގެ ތާރީޚުގައި ކުރިމަތިވި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ކައިވެނީގެ 75 އަހަރު ފުރުން ދާދި ފަހުން ފާހަގަކުރި އުމުރުން 100 އަހަރުގެ ދެމަފިރިން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.


ޗާލްސް ރިއްޕޭ، 100، އާއި އޭނާގެ އަންހެނުން ސާރާ، 98، މިދިޔަ އާދިއްތަ ދުވަހު މަރުވީ ކެލިފޯނިއާގެ ނާޕާގައި ހުންނަ އެ މީހުންގެ ގޭގައި އަލިފާން ރޯވެ ސަލާމަތް ނުވެވުމުންނެވެ. އެ ދެމަފިރިންގެ ފިރިހެން ދަރިއެއް ކަމަށްވާ މައިކް ރިއްޕޭ ބުނީ އެގޭގެ އަނދައިފައިވާ ބައިތަކުގެ ތެރޭން މަންމަ އާއި ބައްޕަގެ ހަށިގަނޑުގެ އެކި ބައިތައް ފެނިފައިވާ ކަމަށެވެ.

"މަންމަ އާއި ބައްޕަ އަކީ އެކަކު އަނެކަކަށް ވަކި ނުވެވޭނެ ދެ މީހުން. ދެ މީހުން އެކުގައި ދުނިޔެ ދޫކުރުން އެއީ އެ މީހުން ބޭނުންވި ގޮތް ކަމަށް ވެސް ވެދާނެ،" ރިއްޕޭ ބުންޏެވެ.

ވިސްކޮންސިން ޔުނިވާސިޓީގައި ތައުލީމް ހާސިލް ކުރުމަށް ފަހު ޗާލްސް އާއި ސާރާ ކައިވެނި ކުރީ، ދެ ވަނަ ބޮޑު ހަނގުރާމައިގެ ކުރިން 1942 ވަނަ އަހަރު އެވެ. އެ ދެމަފިރިންނަށް ވަނީ ފަސް ކުދިން ލިބިފަ އެވެ.

ކެލިފޯނިއާގެ އުތުރުގައި މިހާރު އަނދަމުންދާ އަލިފާނުގައި 115،000 އޭކަރުގެ ސަރަހައްދެއް ވަނީ އަނދައިފަ އެވެ. މިހާތަނަށް ވަނީ 21 މީހަކު މަރުވެފަ އެވެ. އަދި 3،500 އިމާރާތް ވަނީ ހަލާކުވެފަ އެވެ. އޮފިޝަލުން ބުނީ އަލިފާން އެންމެ ބޮޑަށް ހިފާފައިވާ ސޮނޮމާ ކައުންޓީން 380 މީހުން ގެއްލިފައިވާ ކަމަށެވެ.