ހަމާސް އާއި ފަތަހަ އެއްބަސްވުމެއް ގާއިމްކޮށްފި

ގާޒާ (އޮކްޓޯބަރު 12) - ފަލަސްތީނުގެ ވާދަވެރި ދެ ޖަމާއަތް ކަމަށްވާ ހަމާސް އާއި ފަތަހަ އެއްގަލަކަށް އަރާ ދެ ފަރާތުގެ މެދުގައި އެއްބަސްވުމެއް ގާއިމްކޮށްފައިވާ ކަމަށް އޮފިޝަލުން ބުރާސްފަތި ދުވަހު ބުނެފި އެވެ.


ދެ ދުވަހުގެ މުއްދަތަށް މިސްރުގެ ގާހިރާގައި ބޭއްވި މަޝްވަރާތަކަށް ފަހު އެކުލަވާލި އެއްބަސްވުމާ ބެހޭ ތަފްސީލްތައް އަދި ހާމަކޮށްފައެއް ނުވެ އެވެ. ރައީސް މަހްމޫދު އައްބާސްގެ ފަތަހަ ޖަމާއަތުގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަހު ތެރޭ ރައީސް އައްބާސް ގާޒާ އަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ގާޒާ ކޮންޓްރޯލް ކުރާ ހަމާސްއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވެސް އުވާލާނެ އެވެ.

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ އޮފީހުން ވެސް ވަނީ ދެ ފަރާތުގެ މެދުގައި އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ބުނެފަ އެވެ. އަދި އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ފަތަހަ ޖަމާއަތާއި ހަމާސް އެއްގަލަކަށް އަރާ ގާޒާގައި ހަމާސް އިން ހިންގަމުން ދިޔަ ސަރުކާރު އުވާލާ އާ އިންތިޚާބެއް ބޭއްވުމަށް ސެޕްޓެމްބަރު މަހު ވަނީ އެއްބަސްވެފަ އެވެ.

ދެ ޖަމާއަތުގެ ކޯޅުން ބޮޑުވެ އެންމެ ފަހުން 2007 ވަނަ އަހަރު ފަތަހަ ޖަމާއަތް ވަނީ ގާޒާ އިން ބޭރުކޮށްލައިފަ އެވެ. ހަމާސް އިން ވަނީ 2006 ވަނަ އަހަރު ބޭއްވި އިންތިޚާބު ކާމިޔާބުކޮށްފަ އެވެ. އެކަމަކު އޭގެ ފަހުން އުފެދުނު ހަމަނުޖެހުންތަކުގައި ރައީސް މަހްމޫދު އައްބާސް ވަނީ ހަމާސްގެ ބޮޑު ވަޒީރު ބޭރުކޮށްލައިފަ އެވެ. އަދި ހަމާސް ޖަމާއަތުން ދިޔައީ ގާޒާގައި ވެރިކަން ހިންގަމުންނެވެ. ފަތަހަ ޖަމާއަތުން ވަނީ ހުޅަނގު އައްސޭރީގެ ކޮންޓްރޯލް ނަގައިފަ އެވެ.

ފަލަސްތީނުގެ ބޮޑު ވަޒީރު ރާމީ ހަމަދުﷲ މިދިޔަ ހަފުތާގައި ވަނީ 2015 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ގާޒާ އަށް ވަޑައިގެންފަ އެވެ.