ރޮހިންޖާ އަށް އެހީދިނުން ތިން ޗެރިޓީއަކަށް މަނާކޮށްފި

ކޮކްސް ބާޒާރު (އޮކްޓޯބަރު 12) - ބަންގްލަދޭޝް އަށް އެތެރެވެފައިވާ މިއަންމާގެ ރޮހިންޖާ ރެފިއުޖީންނަށް އެހީ ދިނުން އިސްލާމިކް ތިން ޗެރިޓީއަކަށް ބަންގްލަދޭޝް އިން މަނާކޮށްފި އެވެ.


ގާނޫނުހަދާ މަޖިލީހުގައި ހިމެނޭ ވެރިކަން ކުރާ އަވާމީ ލީގުގެ މެންބަރެއް ކަމަށްވާ މާހުޖަބީން ޚާލިދު ވިދާޅުވީ ބައިނަލްއަގުވާމީ ޗެރިޓީތައް ކަމަށްވާ މުސްލިމް އެއިޑް، އިސްލާމިކް ރިލީފް އަދި ބަންގްލަދޭޝްގެ އައްލާމާ ފަޒްލުﷲ ފައުންޑޭޝަނުން ރޮހިންޖާ މީހުންނަށް އެހީ ފޯރުކޮށްދިނުން މަނާކޮށްފައިވާ ކަމަށެވެ. ތިން ޗެރިޓީ ބްލެކްލިސްޓްކުރި ސަބަބެއް ޕާލަމެންޓުގެ ޚާރިޖީ ކޮމިޓީގައި ހިމެނޭ ޚާލިދު ވިދާޅެއް ނުވެ އެވެ.

ބަންގްލަދޭޝްގެ ކަމާބެހޭ އޮފިޝަލުން ބުނެފައި ވަނީ އެއްވެސް ޗެރިޓީއަކަށް ރޮހިންޖާ މީހުންނަށް އެހީ ފޯރުކޮށްދެވޭނީ ސްކްރީން ކުރުމަށް ފަހު އެވެ.

"އެހީ ދެނީ ކޮންބައެއްތޯ މޮނިޓާ ކުރަން ބޭނުންވޭ. ރޮހިންޖާ މީހުންނަކީ ނިކަމެތި ބައެއް. އެހެންވެ ވަރަށް ފަރުވާތެރިވާންޖެހޭ،" ޚާލިދު ވިދާޅުވި އެވެ.

ރޮހިންޖާ ކޭމްޕްތަކަށް އެހީ ދިނުން ބަންގްލަދޭޝް އިން ކުރިން އޮތީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފަ އެވެ. ރޮހިންޖާ ރެފިއުޖީންނަށް އެހީ ދިނުން ކުރިން ހުއްދަކޮށްފައި އޮންނަނީ ހަތަރު ޗެރިޓީއަކަށެވެ. ރޮހިންޖާ މީހުންނަށް ބޭރުގެ ޗެރިޓީތަކުން އެހީ ދިނުން ހުޅުވާލީ އެންމެ ފަހުގެ ހަމަނުޖެހުންތަކާ ގުޅިގެން އެތައް ލައްކަ ރެފިއުޖީންނެއް ބަންގްލަދޭޝް އަށް އެތެރެވާން ފެށުމުންނެވެ. ބަންގްލަދޭޝް އެންޖީއޯ އެފެއާޒް ބިއުރޯ އިން ދާދި ފަހުން ވަނީ 30 ޗެރިޓީއަކަށް ހުއްދަ ދީފަ އެވެ.