ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާ ހައްޔަރު ކުރަން ކޯޓު އަމުރު ނެރެފި

ޑާކާ (އޮކްޓޯބަރު 12) - ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާ ހައްޔަރު ކުރަން ބަންގްލަދޭޝްގެ ދެ ކޯޓަކުން މިއަދު އަމުރު ނެރެފި އެވެ.


ޚާލިދާ ޒިއާގެ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ބުނެފައި ވަނީ މިއީ އަންނަ އަހަރު ބާއްވާނެ ކަމަށް ބެލެވޭ އާއްމު އިންތިޚާބުގެ ކުރިން އިދިކޮޅު ސިޔާސީ ފަރާތްތައް ހައްޔަރު ކުރަން ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ކޯޓުން ނެރުނު އަމުރެއް ކަމަށެވެ.

ޑާކާގެ ޗީފް ޕްރޮސެކިއުޓާ އަބްދުﷲ އަބޫ ވިދާޅުވީ އެއް ކޯޓުން އަމުރު ނެރުނީ އަބުރުގެ ދައުވާއަކަށް ޚާލިދާ ކޯޓަށް ހާޒިރު ނުވުމުން ކަމަށެވެ. ދެ ވަނަ އަމުރު ނެރުނީ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން އެންޓި-ގްރާފްޓް ކޯޓަކަށް ޚާލިދާ ހާޒިރު ނުވުމުން ކަމަށެވެ.

ކޯޓު އަމުރު ނެރުނު އިރު ޚާލިދާ ހުންނެވީ ލަންޑަނުގަ އެވެ. މީގެ ކުރިން ވެސް ވަނީ ޚާލިދާ ހައްޔަރު ކުރަން ކޯޓު އަމުރުތައް ނެރެފަ އެވެ. ނަމަވެސް ކޯޓު އަމުރާ އެއްގޮތަށް ޚާލިދާ ހައްޔަރު ކުރަން ފުލުހުން ކުރިން މަސައްކަތް ކޮށްފައެއް ނުވެ އެވެ. ނަމަވެސް ސިޔާސީ ފަރާތްތަކުން ލަފާކުރާ ގޮތުގައި މިފަހަރު ތަފާތު ވެދާނެ އެވެ.

ބަންގްލަދޭޝްގައި އެންމެ ފަހުން އާއްމު އިންތިޚާބު ބާއްވާފައި ވަނީ 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ އިންތިޚާބު ބީއެންޕީން ވަނީ ބޮއިކޮޓް ކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ އަވާމީ ލީގުން ފަސޭހަކަމާ އެކު އިންތިޚާބު ވަނީ ކާމިޔާބު ކޮށްފަ އެވެ.