އިޒްރޭލަށް ތަފާތު ކުރާ ކަމަށް ބުނެ ޔުނެސްކޯ އިން އެމެރިކާ ވަކިވަނީ

ވޮޝިންޓަން (އޮކްޓޯބަރު 12) - އިޒްރޭލަށް ތަފާތުކުރާތީ ކަމަށް ބުނެ އދ.ގެ ސަގާފަތާ ބެހޭ ޖަމިއްޔާ ޔުނެސްކޯ އިން ވަކިވާން އެމެރިކާ އިން ނިންމައިފި އެވެ.


އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ޔުނެސްކޯ އަށް ދިމާވެފައިވާ މާލީ މައްސަލަތަކަކީ ވެސް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެ ޖަމާއަތް އަލުން ރިފޯމް ކުރަންޖެހޭ ކަމަށެވެ.

ޔުނެސްކޯގެ ސެކްރެޓަރީ ޖެނެރަލް އިރިނާ ބޮކޮވޯ ވިދާޅުވީ އެ ޖަމާއަތުން އެމެރިކާ ވަކިވުމަކީ ބޮޑު ހިތާމައެއް ކަމަށެވެ.

ޔުނެސްކޯ އިން އެމެރިކާ ވަކިވާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ މުއްދަތާ ހަމައަށް ޔުނެސްކޯގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި އެމެރިކާ އޮންނާ އެވެ. އެމެރިކާ އިން މިހާރު ޔުނެސްކޯ އަށް އަހަރަކު 80 މިލިއަން ޑޮލަރު ދެ އެވެ.

އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވި ފަހުން ޔުނެސްކޯ އަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ދެއްވައިފައިވެ އެވެ. އަދި ޔުނެސްކޯގެ ބައެއް ނިންމުންތަކަށް އެމެރިކާ އާއި އިޒްރޭލުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމާ ގުޅިގެން އެކަމުގެ ރުޅީގައި އެމެރިކާ އިން 2011 ވަނަ އަހަރު ވަނީ ޔުނެސްކޯ އަށް ދޭ އެހީގެ ބޮޑު ބައެއް ކަނޑާލައިފަ އެވެ. ގުދުސްގެ މުގައްދަސް ތަންތަނާ އިޒްރޭލާ ގުޅުމެއް ނެތް ކަމަށް ބުނެ ޔުނެސްކޯ އިން ގަރާރެއް ފާސް ކުރުމުން އިޒްރޭލުން މިދިޔަ އަހަރު ވަނީ ޔުނެސްކޯ އަށް އެއްބާރުލުން ދިނުން ހުއްޓާލައިފަ އެވެ. އަދި ހުޅަނގު އައްސޭރީގެ ހިބްރޮން ސިޓީ އަކީ ފަލަސްތީނުގެ ވޯލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ޔުނެސްކޯ އިން މި އަހަރު ހަމަޖެއްސުމުން އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފާޑު ވިދާޅުވެފަ އެވެ.

އެމެރިކާ އަކީ ޔުނެސްކޯގެ ފައުންޑިން މެންބަރެކެވެ. ރައީސް ރޮނަލްޑް ރޭގަންގެ ސަރުކާރުން 1984 ވަނަ އަހަރު ވަނީ ޔުނެސްކޯގައި ކޮރަޕްޝަން ބޮޑު ކަމަށް ބުނެ އެ ޖަމާއަތުން ވަކިވެފަ އެވެ. ނަމަވެސް އަލުން އެ ޖަމާއަތާ ވަނީ 2002 ވަނަ އަހަރު ގުޅިފަ އެވެ.