ރަހީނުން މެރީ އައިއެސްއަކުން ނޫން، އެއީ ބަންގްލަދޭޝްގެ ޖަމާއަތެއް: މިނިސްޓަރު

ޑާކާ (ޖުލައި 3) - ބަނގްލަދޭޝްގެ ވެރިރަށް ޑާކާގެ ޑިޕްލޮމެޓިކް އޭރިޔާގައި ހުރި މަޝްހޫރު ކެފޭއަކުން ރަހީނުކުރި 20 މީހުން މަރާލީ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ މީހުން ނޫން ކަމަށާއި އެކަން ކުރީ ބަންގްލަދޭޝްގެ ހަނގުރާމަވެރި ޖަމާއަތަކުން ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.


"މީހުން ރަހީނުކޮށް މީހުން މެރީ ޖަމާތުލް މުޖާހިދީން ބަނގްލަދޭޝްގެ ހަނގުރާމަވެރިން،" ހޯމް މިނިސްޓަރު އަސަދުއްޒަމާން ޚާން އޭއެފްޕީ އަށް ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ މި ޖަމާއަތް ބަންގްލަދޭޝްގައި މަނާކޮށްފައި އޮންނަތާ 10 އަހަރު ވެއްޖެ ކަމަށާއި އެ ޖަމާއަތާ އައިއެސްއާ ގުޅުން ނޯންނަ ކަމަށެވެ. ބަންގްލަދޭޝް ސަރުކާރުން ކުރިން ވެސް ތަކުރާރުކޮށް ބުނަމުން ދިޔައީ އެ ގައުމުގައި ބައިނަލްއަގުވާމީ އެއްވެސް ޓެރަރިސްޓް ޖަމާއަތަކުން ހަރަކާތްތެރިވަމުން ނުދާ ކަމަށެވެ.

ކެފޭ އަށް ހަމަލާ ދިން މީހުންގެ ހަށިތައް ލާފައި ހުރި ބޭގުތަކުގެ ކައިރިން ފުލުހުންގެ މީހަކު ހިނގަފާއި ދަނީ. --ފޮޓޯ:އޭއެފްޕީ

އެކަމަކު ރަހީނުން މެރީ އައިއެސް އިން ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ. އެގާރަ ގަޑިއިރަށް ފަހު ރަހީނު ކުރުން ނިމުމަކަށް ގެނައި އިރު ފުލުހުންގެ ދެ އޮފިސަރުން ވެސް ވަނީ މަރާލައިފަ އެވެ.

ރަހީނުން މެރި ހަ ހަނގުރާމަވެރިންގެ ނަމާއި ފޮޓޯ ފުލުހުން މިހާރު ވަނީ އާއްމުކޮށްފަ އެވެ. ހަތް ވަނަ މީހާ ބަނގްލަދޭޝް ސިފައިން ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާއާ މިހާރު ދަނީ ސުވާލު ކުރަމުންނެވެ. ޚާން ވިދާޅުވީ ހަމަލާ ދިން ޓެރިސްޓުންގެ ހަތް މީހުންނަކީ ވެސް ކިޔަވައިގެން ތިބި މީހުން ކަމަށާއި އެ މީހުން ނިސްބަތް ވަނީ ވެސް ތަނަވަސް އާއިލާތަކަށް ކަމަށެވެ.

"އެއީ ޔުނިވާސިޓީ ތައުލީމް ހާސިލްކޮށްފައިވާ ޒުވާން ކުދިން. އޭގެ ތެރޭން އެކަކު ވެސް ނެތް މަދަރުސާތަކަށް ގޮސް،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

ޑާކާގެ ހޮލޭ އާޓިސަން ބޭކަރީގައި ހަނގުރާމަވެރިން ހިންގި ރަހީނު ކުރުމުގެ ހާދިސާއާ ގުޅިގެން ބަންގްލަދޭޝްގައި ވަނީ ދެ ދުވަހުގެ ގައުމީ ހިތާމަ އިއުލާންކޮށްފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޓަލީގެ ނުވަ މީހުން ވެސް ހިމެނެ އެވެ. އަދި ޖަޕާނުގެ ހަތް މީހުންނާއި އެމެރިކާ މީހަކާއި އިންޑިއާ މީހަކު ވެސް ހިމެނެ އެވެ.