އެމްއެޗް370 ހޯދައިދޭން އެމެރިކާ ކުންފުނިން އެއްބަސްވެއްޖެ

ކުއާލަ ލަމްޕޫރު (އޮކްޓޯބަރު 20) - ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދައިދޭން ކަނޑުއަޑި ހޯދާ ބެލުމުގެ އެމެރިކާގެ ތަޖްރިބާކާރު ކުންފުނި އޯޝަން އިންފިނިޓީން އެއްބަސްވެފައިވާ ކަމަށް އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.


އޯޝަން އިންފިނިޓީން ހުށަހަޅާފައިވާ ގޮތުން އެ ކުންފުންޏަށް މާލީ ގޮތުން ފައިދާ ވާނީ ބޯޓު ފެނިއްޖެ ނަމަ އެވެ. ނުފެނިއްޖެ ނަމަ އަގު ދޭކަށް ނުޖެހެ އެވެ. އެމެރިކާގެ ތަޖްރިބާކާރު ކުންފުނި، އޯޝަން އިންފިނިޓީން ބުނީ ކަނޑުއަޑި ބެލުމުގެ އެންމެ ފަހުގެ ވަސީލަތްތައް އެ ކުންފުނީގައި އެބަހުރި ކަމަށެވެ. އޯޝަން އިންފިނިޓީގައި ކަނޑުއަޑި ބަލާ ހަ ވެހިކަލްގެ ފްލީޓެއް އޮވެ އެވެ. އެ ވެހިކަލްތަކުން ސީބެޑުގެ ޑޭޓާ 6،000 މީޓަރު (19،700 ފޫޓު) އަޑިން ހޯދެ އެވެ.

މީގެ ކުރިން ބޯޓު ހޯދުމުގައި ކުރިން ހަރަކާތްތެރިވި ހޮލެންޑުގެ ފިއުގްރޯ އާއި މެލޭޝިއާގެ ކުންފުންޏަކުން ވެސް ބޯޓު ހޯދަން ޕްރޮޕޯޒަލް ލިބިފައިވާ ކަމަށް މެލޭޝިއާގެ މިނިސްޓަރަކު ވަނީ ވިދާޅުވެފަ އެވެ.

ބޯޓުން ދަތުރުކުރި މީހުންގެ އާއިލާތަކަށް އެމްއެޗް370 ރެސްޕޮންސް ޓީމުން ބުރާސްފަތި ދުވަހު ފޮނުވި މެސެޖެއްގައި ވަނީ ބޯޓު ހޯދުމާ ގުޅޭ ގޮތުން އެމެރިކާ ކުންފުންޏަށް މަޝްވަރާ ކުރަމުންދާ ކަމަށް ބުނެފަ އެވެ.

"އެމްއެޗް370 ހޯދައިދޭން ވަރަށް ގިނަ ކުންފުނިތަކުން ވަނީ ހުށަހެޅުން ލިބިފައި. އެ ހުށަހެޅުންތައް ދަނީ މެލޭޝިއާ އާއި އޮސްޓްރޭލިއާ އަދި ޗައިނާ ސަރުކާރުގެ ޓީމުތަކުން ބަލަމުން. އެމެރިކާގެ އޯޝަން އިންފިނިޓީއާ އެކު މަޝްވަރާތައް ކުރިއަށް ގެންދަން މެލޭޝިއާ ސަރުކާރުން ކުރިން ވަނީ ހުއްދަދީފައި،" ރެސްޕޮންސް ޓީމުގެ އީމެއިލް މެސެޖުގައި ބުނެފައިވެ އެވެ.

މެލޭޝިއާގެ ޑިޕިއުޓީ ޓްރާންސްޕޯޓް މިނިސްޓަރު އަބްދުލް އަޒީޒް ކަޕްރާވީ ވެސް ވަނީ އެމެރިކާ ކުންފުންޏާ އެކު މަޝްވަރާތައް ކުރިއަށްދާކަން ޔަގީންކޮށްދީފަ އެވެ.

މާޗު ،2014 ގައި މެލޭޝިއާ އިން ފުރައިގެން 239 މީހުންނާ އެކު ޗައިނާ އަށް ދަތުރުކުރި ބޮއިން 777 ގެ މަތިންދާ ބޯޓު ގެއްލުނު ފަހުން ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. ބޯޓު ހޯދަން އިންޑިއާ ކަނޑުގެ ސަރަހައްދު ބެލުމަށް މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ ގުޅިގެން ކުރަމުން ދިޔަ މަސައްކަތް މިދިޔަ ޖެނުއަރީ މަހު ވަނީ ހުއްޓާލައިފަ އެވެ.

އޯޝަން އިންފިނިޓީން ބުނީ ކޮންޓްރެކްޓާ ގުޅޭ ގޮތުން ކުރާ މަޝްވަރާތައް ކާމިޔާބު ކަމަށެވެ.

"މި ހިތާމަވެރި ހާދިސާ އިން ހިތާމަ ލިބިފައިވާ މީހުންނަށް ކޮންމެވެސް ޖަވާބެއް ދެވޭނެކަމުގެ އުއްމީދު ބޮޑު،" އޯޝަން އިންފިނިޓީގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

އެމްއެޗް370 ހޯދުމަށް ކަނޑުއަޑީގެ 120،000 އަކަ ކިލޯ މީޓަރު (46،000 އަކަ މޭލު) ގެ ސަރަހައްދެއް މިހާރު ވެސް ވަނީ ބަލައިފަ އެވެ. އެކަމަކު އޮސްޓްރޭލިއާގެ ނޭޝަނަލް ސައެންސް ޖަމިއްޔާ އިން އެޕްރީލް މަހު ބުނެފައި ވަނީ ބޯޓު އޮންނާނެ ކަމަށް ލަފާކުރެވެނީ ބޯޓު ހޯދަން ކުރިން ބެލި ސަރަހައްދުގެ އުތުރުގައި ކަމަށެވެ.