ފެންބޮޑުވުމުގައި އިންޑިއާ އާއި ޕާކިސްތާނުން 68 މީހުން މަރުވެއްޖެ

ނިއު ދިއްލީ (ޖުލައި 3) - އިންޑިއާ އާއި ޕާކިސްތާނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެ ގައުމުން މިހާތަނަށް 68 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން މިއަދު ބުނެފި އެވެ.


ހުޅަނގު މޫސުމުގެ ވިއްސާރައިގައި ޕާކިސްތާނުގެ އުތުރުގެ ހިސާބުތަކުން 43 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ. އަފްޣާނިސްތާނުގެ ސަރަހައްދީ ރޮނގާ ކައިރީގައި އޮންނަ ހިސާބުތަކަށް ބޯކޮށް ވާރޭ ވެހެން ފެށީ އިއްޔެ އިން ފެށިގެންނެވެ. އެންމެ ބޮޑަށް ވިއްސާރަކޮށްފައި ވަނީ ޗިޓްރަލް އަވަށަށެވެ. އެ އަވަށުން ވަނީ 31 މީހުން މަރުވެފަ އެވެ. އަވަށުގެ މޭޔަރު ވިދާޅުވީ ބޯ ވިއްސާރައިގެ ސަބަބުން ގޭގޭގެ އިތުރުން މިސްކިތްތައް ވެސް ހަލާކުވެފައިވާ ކަމަށެވެ. ޕްރޮވިންސްގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ ވިއްސާރައިގެ ސަބަބުން 82 މީހުން މަރުވެފައިވާ ކަމަށެވެ. އަދި އެ ވަށުން ހާލުގައި ޖެހުނު މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެމުންދާ ކަމަށް ވެސް ޑިޒާސްޓާ ސެންޓަރުން ބުނެފައިވެ އެވެ.

އިންޑިއާގެ އުއްތަރަކަންޑު ސްޓޭޓުން ބިންގަނޑު ފޭބުމުގެ މީހުން ހޯދުމުގެ މަސައްކަތް ސިފައިން ކުރަނީ. --ފޮޓޯ:އޭއެފްޕީ

މިދިޔަ އެޕްރީލް މަހު ކުރި ވިއްސާރައިގައި ޚައިބަރު ޕަޚްތުންކުވާ އިން ވަނީ 127 މީހުން މަރުވެފަ އެވެ. މިދިޔަ އަހަރުގެ ވިއްސާރަ މޫސުމުގައި ޕާކިސްތާނުން ވަނީ 81 މީހުން މަރުވެ 300،000 މީހުންނަށް އަސަރުކޮށްފަ އެވެ. ދެހާސް ދިހަ ވަނަ އަހަރު ޕާކިސްތާނަށް ކުރި ވިއްސާރައިގައި އެ ގައުމުގެ ފަސްބައި ކުޅަ އެއްބައިގައި ވަނީ ފެންބޮޑުވެފަ އެވެ. ގާތްގަނޑަކަށް 2،000 މީހުން މަރުވެ 20 މިލިއަން މީހުންނަށް ވަނީ އަސަރުކޮށްފަ އެވެ.

ވިއްސާރައިގައި އިންޑިއާގެ އުތުރުން ވަނީ 25 މީހުން މަރުވެފަ އެވެ. އެންމެ ގިނަ މީހުން މަރުވެފައި ވަނީ އުއްތަރަޚަންދު އަދި އަރުނަޗަލް ޕްރަދޭޝް އިންނެވެ. ދެހާސް ތޭރަ ވަނަ އަހަރު ކުރި ވިއްސާރައިގައި އުއްތަރަކަންޑުން ވަނީ 6،000 މީހުން މަރުވެފަ އެވެ.