ރޮހިންޖާ ހާލަތު ކޮންޓްރޯލް ކުރަން ވަނީ އުނދަގޫވެފައި: ބަންގްލަދޭޝް

ޖެނީވާ (އޮކްޓޯބަރު 24) - ރޮހިންޖާ ރެފިއުޖީންގެ އަދަދު އިތުރުވެ އެ މީހުންގެ ހާލަތު ބަންގްލަދޭޝް އަށް ކޮންޓްރޯލް ކުރަން އުނދަގޫ ދަރަޖައަކަށް ވެއްޓިފައިވާ ކަމަށް އެ ގައުމުގެ މަންދޫބު ވިދާޅުވެއްޖެ އެވެ.


ރޮހިންޖާ މީހުންނަށް އެހީ ހޯދުމަށް ޖެނީވާގައި ފެށި ބައްދަލުވުމުގައި އދ. އަށް ކަނޑައަޅާފައި ހުންނަ ބަންގްލަދޭޝްގެ ސަފީރު ޝަމީމް އަހުސަން ވިދާޅުވީ މިހާރު ވެސް ރެފިއުޖީން ވަންނަމުންދާ ކަމަށާއިި އެ މީހުންގެ މައްސަލަ ހައްލު ކުރުމަކީ ބަންގްލަދޭޝް އަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"މިއަންމާ އިން ރެފިއުޖީން އަނބުރާ ގެންދިއުން ނުވަތަ ރެފިއުޖީން އަނބުރާ އެ މީހުންގެ ގެދޮރަށް ދަންދެން އެހީ ފޯރުކޮށް ދިނުމަކީ މުހިންމު ކަމެއް،" ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އަހްސަން ވިދާޅުވި އެވެ.

ރެފިއުޖީން އުޅޭ ކޭމްޕްތަކުގެ ހާލަތު ވަރަށް ދަށް ކަމަށް އެހީދޭ އެޖެންސީތަކުން ބުނެ އެވެ. ކާބޯތަކެއްޗާއި ބޯފެން އަދި ސިއްހީ އެއްވެސް ފަރުވާއެއް ނުލިބެ އެވެ.

އެހީދޭ ޖަމާއަތްތަކުން ބުނެފައި ވަނީ ރޮހިންޖާ ރެފިއުޖީންނަށް 434 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. ޖެނީވާގައި ފެށި ބައްދަލުވުން ސްޕޮންސާކޮށްފައި ވަނީ ޔޫރަޕިއަން ޔޫނިއަން އާއި ކުވޭތުންނެވެ. ބައްދަލުވުން ބޭއްވީ ރޮހިންޖާ މީހުންނަށް ބޭނުންވާ 434 މިލިއަން ޑޮލަރު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ހަމަކުރުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ. ކޮންފަރެންސްގެ ކުރިން އެކި ފަރާތްތަކުން ވަނީ 100 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ. ޔޫރަޕިއަން ޔޫނިއަން އިން އިއްޔެ ވަނީ އިތުރު 30 މިލިއަން ޔޫރޯ ދޭނެ ކަމަށް ބުނެފަ އެވެ. އަދި ސައުދީ އަރަބިއާ އިން ވެސް ވަނީ 20 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ.