ރެފިއުޖީން މައްސަލާގައި މިއަންމާ-ބަންގްލަދޭޝް އެއްބަސްވުމަކަށް

ކޮކްސް ބާޒާރު (އޮކްޓޯބަރު 25) - ރޮހިންޖާ ރެފިއުޖީން އަނބުރާ ގެންދިއުމާ ބެހޭ ގޮތުން އެއްބާރުން ދިނުމަށް މިއަންމާ އާއި ބަންގްލަދޭޝް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.


މިއަންމާގެ ވެރިރަށް ނޭޕީޓޯގައި ބޭއްވި ބައްދަލުވުމުގައި މިއަންމާގެ ހޯމް މިނިސްޓަރު ލެފްޓިނެންޓް ޖެނެރަލް ކީއޯ ސްވޭ އާއި ބަންގްލަދޭޝްގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ޚާން ބައިވެރިވި އެވެ. ދެ ގައުމުން ވެސް ވަނީ ބޯޑަރުގެ ސެކިއުރިޓީއާ ބެހޭ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. މީގެ އިތުރުން މިއަންމާ ރެފިއުޖީން ބަންގްލަދޭޝް އަށް ވަނުން ހުއްޓުވުމަށް ވެސް ދެ ގައުމުން އެއްބަސްވެފައިވެ އެވެ.

"ޖޮއިންޓް ވޯކިން ގްރޫޕެއް އުފެއްދުމަށް ފަހު ދެ ގައުމުންވެސް ވަނީ ދެން ކުރިއަށް ގެންދާނެ ފިޔަވަޅުތައް އެޅުމަށް އެއްބަސްވެފައި. އޭގެ ފަހުގައި ރެފިއުޖީން އަނބުރާ މިއަންމާ އަށް ގެންދަން ފަސޭހަވާނެ،" ބަންގްލަދޭޝްގެ ހޯމް މިނިސްޓްރީގެ ސެކްރެޓަރީ މުސްތަފާ ކަމާލުއްދީން ވިދާޅުވި އެވެ.

މިއަންމާގެ ހޯމް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ޓިން މީންޓް ވިދާޅުވީ ރަކީން ސްޓޭޓުގެ ހާލަތު ހަމައަކަށް އެޅުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. އަދި ހަމަޖެހުން ގާއިމްވިހާ އަވަހަކަށް ރެފިއުޖީން އަނބުރާ މިއަންމާ އަށް ގެންދަން ވެސް ވަނީ އެއްބަސްވެފަ އެވެ. ރަކީންގައި ހަމަނުޖެހުން ހިންގުމަށް ފަހު ބަންގްލަދޭޝް އަށް ފިލައިގެން ދިޔަ މީހުންގެ ލިސްޓެއް މިއަންމާ އިން ވަނީ ތައްޔާރުކޮށްފަ އެވެ. އަދި އެ ލިސްޓުގައިވާ މީހުން މިއަންމާ އަށް ފޮނުވައި ދިނުމަށް ބަންގްލަދޭޝްގައި ވަނީ އެދިފަ އެވެ.

މިއަންމާގެ ރަކީން ސްޓޭޓުގައި އޮގަސްޓް 25 ވަނަ ދުވަހު ހަމަނުޖެހުންތައް ހިންގަން ފެށި ފަހުން ބަންގްލަދޭޝް އަށް ދިޔަ ރޮހިންޖާ މީހުންގެ އަދަދު ވަނީ ހަ ލައްކަ އަށް އަރައިފަ އެވެ.