ތެހެރާން (އޮކްޓޯބަރު 29) - ދިފާއީ ބޭނުންތަކަށް އިރާނުން މިސައިލް އުފެއްދުން ކުރިއަށް ގެންދާނެ ކަމަށާއި އެއީ ނިއުކްލިއާ އެއްބަސްވުމާ ޚިލާފު ކަމެއް ނޫން ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
ޕާލަމަންޓުގައި ވާހަކަ ދައްކަވަމުން ރޫހާނީ މިއަދު ވިދާޅުވީ އެމެރިކާއާ މަޝްވަރާ ކުރަން އުޅުންވާނީ މޮޔަ ކަމަކަށް ކަމަށެވެ.
"އީރާނުން ވާނީ މިސައިލް އުފައްދާފައި. މިހާރު ވެސް ދަނީ މިސައިލް އުފައްދަމުން. އަދި ކުރިއަށް އޮތް ތަނުގައި ވެސް އުފައްދާނަން،" އުމުރުން 68 އަހަރުގެ ރޫހާނީ ވިދާޅުވި އެވެ. "އީރާނުގެ ދިފާއީ ކަންކަމަށް މިސައިލް އުފެއްދުމަކީ އދ.ގެ ގަރާރު 2231 އާ ޚިލާފުވުމެއް ނޫން."
ރޫހާނީ މި މޭރުމުން ވާހަކަ ދެއްކެވި އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނިއުކްލިއާ އެއްބަސްވުމައިގެން ކުރިއަށް ނުދާން ނިންމައިފަ އެވެ. ދެހާސް ފަނަރަ ވަނަ އަހަރު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުގެ ދަށުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލަން ޖެހެ އެވެ. އީރާނުން ބުނެފައި ވަނީ އެ ގައުމުގެ މިސައިލް ޕްރޮގްރާމުގެ ބޭނުމަކީ ނިއުކްލިއާ ހަތިޔާރު އުފެއްދުން ނޫން ކަމަށެވެ. އެކަމަކު އެއީ ގައުމުގެ އަމިއްލަ ދިފާއުގައި ކުރާ މަސައްތަކެއް ކަމަށް ބުނެފައިވެ އެވެ.
އީރާން ސިފައިންގެ ބްރިގޭޑިއާ ޖެނެރަލް އަހުމަދު ރިޒާ ޕޯޑަސްތާން ވިދާޅުވީ އީރާންގެ މިސައިލް ޕްރޮގްރާމާ ގުޅޭ ގޮތުން އެމެރިކާއާ މަޝްވަރާ ކުރުން ވާނީ ބޭނުމެއް ނެތް ކަމަކަށް ކަމަށެވެ.