އިންޑިއާ ރޭޕް: ދެ ބޮޑުބޭބެ ވެސް ކުށްވެރިވެއްޖެ

ނިއު ދިއްލީ (އޮކްޓޯބަރު 31) - އުމުރުން 10 އަހަރުގައި ބަލިވެއިނދެ ވިހޭ އިންޑިއާގެ ކުޑަ ކުއްޖާ ރޭޕްކުރުމުގައި އޭނާގެ ދެ ބޮޑުބޭބެ ވެސް ކުށްވެރިވާ ކަމަށް އަވަސް ނިޔާ ކޯޓަކުން މިއަދު ނިންމައިފި އެވެ.


މި ދެ ބޮޑުބޭބެގެ މައްޗަށް ހުކުމް އިއްވުން އޮންނާނީ ބުރާސްފަތި ދުވަހު އެވެ. މި މައްސަލައިގެ ޝަރީއަތުގެ ފަހުގެ އަޑުތައް ބޭއްވީ އިއްޔެ އާއި މިއަދު އެވެ.

އަންހެން ކުއްޖާގެ ބަނޑުގައި ރިއްސާތީ އޭނާ ޑޮކްޓަރަށް ދެއްކުމުން ބަލިވެ އިންކަން އެނގުނީ މިދިޔަ ޖުލައި މަހު އެވެ. އެބޯޝަން ހެދުމުގެ ހުއްދަ އަށް އެދި ކޯޓަށް ހުށަހެޅި ނަމަވެސް ކޯޓުން އެންގީ އެބޯޓްކޮށްލެވޭ މުއްދަތު ފަހަނަޅާފައިވާ ކަމަށެވެ. އެބޯޝަން ހެދުމުގެ ހުއްދަ އަށް އެދުނު އިރު ކުއްޖާގެ ބަނޑަށް 30 ހަފުތާ އެވެ.

މާބަނޑު މީހާގެ ސިއްހަތަށް ވަރަށް ބޮޑަށް ނުރައްކާވެފައިވާ ހާލަތެއްގައި މެނުވީ 20 ހަފުތާ އަށް ފަހު ދަރިވައްޓާލުމަކީ އިންޑިއާގެ ގާނޫނުތައް މަނާކުރާ ކަމެކެވެ. ދަރިވައްޓާލުން މަނާކުރުމަށް ހަރުކަށި ގާނޫނުތައް އިންޑިއާގައި ފާސްކޮށްފައި ވަނީ ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސް ޓެސްޓް ކުރުމަށް ފަހު އަންހެން ކުއްޖެއް ނަމަ ދަރިވައްޓާލާ މައްސަލަ ބޮޑުވުމުންނެވެ. ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސް ބެލުމަކީ އިންޑިއާގައި މަނާކޮށްފައިވާ ކަމެކެވެ.

މި މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކުރި ބޮޑުބޭބެ އާއި ކުޑަ ދަރިފުޅުގެ ޑީއެންއޭ ޓެސްޓުގެ ނަތީޖާ ދިމާ ނުވާ ކަމަށް ފުލުހުން ބުނުމާ އެކު މައްސަލައިގެ ތަހުގީގު ވަނީ ފުޅާކޮށްފަ އެވެ. ފަހުން ހައްޔަރުކޮށްފައި ވަނީ ރޭޕުގެ މައްސަލައިގައި ފުރަތަމަ ތުހުމަތު ކުރި ބޮޑު ބޭބެގެ ކޮއްކޮ އެވެ. އަދި 10 އަހަރުގެ ކުއްޖާގެ ދަރިފުޅުގެ ބައްޕަ އަކީ ފަހުން ހައްޔަރުކުރި ބޮޑު ބޭބެ ކަމަށް ޓެސްޓްތަކުން ދައްކާފައިވެ އެވެ.

ކުރިން ހައްޔަރުކުރި ބޮޑު ބޭބެގެ ތަހުގީގަށް މަހެއް ނެގި ނަމަވެސް ފަހުން ހައްޔަރުކުރި ބޮޑު ބޭބެގެ ތަހުގީގު ނިންމާފައި ވަނީ 18 ދުވަހުންނެވެ.

ދިހަ އަހަރުގެ ކުއްޖާ ބަލިވެއިންކަން އެނގުނީ ޖުލައި މަހު މެދުތެރޭގަ އެވެ. ކުއްޖާ ބަނޑުގައި ރިއްސާ ކަމަށް ބުނުމުން ބެލެނިވެރިން ހޮސްޕިޓަލަށް ގެންގޮސް ޓެސްޓްކުރި އިރު އެ ކުއްޖާ ބަނޑު ބޮޑެވެ. ޑޮކްޓަރުންގެ ޕެނަލަކުން ލަފާ ދިނުމުން ޗަންދިގާރުގެ ކޯޓަކުން ވަނީ ކުއްޖާގެ އެބޯޝަން ހެދުމަށް ދެކޮޅު ހަދައިފަ އެވެ. އަދި ފަހުން ވަނީ އިންޑިއާގެ ސުޕްރީމް ކޯޓުން ވެސް އެކަމަށް ދެކޮޅު ހަދައިފަ އެވެ. އެ ކުއްޖާ ވިހެއީ އޮގަސްޓް މަހު އެވެ. ޗާންދިގާރުގެ ހޮސްޕިޓަލެއްގައި ސިޒޭރިއަން ހަދައިގެން ނެގި ކުޑަ ދަރިފުޅުގެ ބަރުދަނުގައި 2.5 ކިލޯ ހުއްޓެވެ.

މާބަނޑު މީހާގެ ސިއްހަތަށް ވަރަށް ބޮޑަށް ނުރައްކާވެފައިވާ ހާލަތެއްގައި މެނުވީ 20 ހަފުތާ އަށް ފަހު ދަރިވައްޓާލުމަކީ އިންޑިއާގެ ގާނޫނުތައް މަނާކުރާ ކަމެކެވެ. ދަރިވައްޓާލުން މަނާކުރުމަށް ހަރުކަށި ގާނޫނުތައް އިންޑިއާގައި ފާސްކޮށްފައި ވަނީ ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސް ޓެސްޓް ކުރުމަށް ފަހު އަންހެން ކުއްޖެއް ނަމަ ދަރިވައްޓާލާ މައްސަލަ ބޮޑުވުމުންނެވެ. ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސް ބެލުމަކީ އިންޑިއާގައި މަނާކޮށްފައިވާ ކަމެކެވެ.

ގޭގޭގައި މަސައްކަތު މީހެއްގެ ގޮތުގައި އުޅޭ އެ ކުއްޖާގެ މަންމަ ގިނަ ވަގުތު ގެއިން ބޭރުގައި އުޅޭ އިރު ކުއްޖާ އަށް ވަރަށް ގިނަ އިން ބޮޑު ބޭބެ ޖިންސީ ގޯނާކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އެ ވާހަކަ ނުދެއްކުމަށް ކުއްޖާ އަށް ބޮޑު ބޭބެ ބިރު ދައްކާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ބޮޑު ބޭބެ ފުރަތަމަ ހައްޔަރު ކުރީ ކުއްޖާގެ މަންމަ ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.