ޕެރަޑައިސް ޕޭޕާސް: ލީކުކޮށްލި ލިސްޓުގައި ހިމެނެނީ ކޮން ބައެއް؟

ލަންޑަން (ނޮވެމްބަރު 9) - ގައުމުން ބޭރުގައި ވިޔަފާރި ހިންގާ ވިޔަފާރިވެރިންނާއި ސިޔާސީ މީހުން އަދި ސެލެބްރިޓީންގެ ނަންތައް ހިމެނޭ ގޮތަށް މިފަހަރު ވަނީ 13.4 މިލިއަން ސިއްރު އިލެކްޓްރޯނިކް ޑޮކިއުމެންްޓް ލީކުކޮށްލައިފަ އެވެ. ޕަބްލިކް ޑޮމެއިންނަށް މި މަހު 5 ވަނަ ދުވަހު ދޫކޮށްލި މައުލޫމާތު ޖަރުމަނުގެ ނޫހަކަށް ފޯރުކޮށްދިނީ އެޕަލްބީ ކިޔާ ބާމިއުޑާގެ ލޯ ފާމަކުންނެވެ. އިންްޓަނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިޒަމް (އައިސީއއިޖޭ) އިން ދަނީ 100 އަށް ވުރެ ގިނަ މީޑިއާ ޕާޓްނަރުންނާ ގުޅިގެން މި ޑޮކިއުމެންޓްތައް ދިރާސާ ކުރަމުންނެވެ. މި ފަހަރު އާއްމުކުރި ލިސްޓުގައި 120،000 މީހުންގެ މައުލޫމާތު ހިމެނެ އެވެ. އޭގެ ތެރޭގައި އިނގިރޭސި ރާނީ ކުއީން އެލިޒަބަތު 2، ކޮލަމްބިއާގެ ރައީސް ހުއާން މެނުއަލް ސަންތޯސް، އެމެރިކާގެ ކޮމާސް ސެކްރެޓަރީ ވިލްބާ ރޮސް ފަދަ ބޭފުޅުން ހިމެނެ އެވެ.


ޕެރަޑައިސް ޕޭޕާސްގައި ފާހަގަކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ފޭސްބުކް، އެޕަލް، އޫބާ، ވޮލްމާޓް، އެލިއާންޒް، ސީމެންސް، މެކްޑޮނަލްޑް އަދި ޔާހޫ ހިމެނެ އެވެ. ބޮސްޓަން ކޮންޒަލްޓިން ގްރޫޕުން ލަފާކުރާ ގޮތުގައި ޕެރަޑައިސް ޕޭޕާސް އިން ލީކުކުރި އަދަދުތައް 10 ޓްރިލިއަން ޑޮލަރަށް އަރާނެ އެވެ. ގައުމުން ބޭރުގައި ވިޔަފާރި ހިންގާ ކަމަށް ތުހުމަތުކޮށްފައި ވަނީ ޓެކްސް އަށް މަކަރު ހަދަން ނުވަތަ ކުޑަ ޓެކްސްއެއް ދެއްކުމަށެވެ. ތިރީގައި މި ވަނީ ޕެރަޑައިސް ޕޭޕާސްގައި ހިމެނޭ މަޝްހޫރު ބައެއް މީހުންގެ މައުލޫމާތުތަކެވެ.

ޔޫކްރޭނުގެ ރައީސް ޕޮރޮޝެންކޯ (ވ) އާއި އެމެރިކާގެ ޚާރިޖީ ވަޒީރު ޓިލަސަން: ދެ ބޭފުޅުންގެ ނަން ވެސް ވަނީ ޕެރަޑައިސް ޕޭޕާސްގައި ހިމަނާފައި.

އެފްރިކާ

ލައިބީރިއާ

ބާމިއުޑާގެ ކުންފުންޏެއް ކަމަށްވާ ފައިނޭންޝަލް ހޯލްޑިންގެ ޑިރެކްޓަރެއްގެ ގޮތުގައި ލައިބީރިއާގެ ރައީސް އެލެން ޖޯންސަން ސިރްލީފުގެ ނަން ވަނީ ހިމަނައިފަ އެވެ.

ނައިޖީރިއާ

ކޭމަން އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްގެ ޑިރެކްޓަރުކަން ނައިޖީރިއާ ސެނެޓުގެ ރައީސް ބުކޮލާ ސަރަކީ 2001 ވަނަ އަހަރުކުރައްވާފައިވެ އެވެ.

ޔޫގެންޑާ

ޚާރިޖީ ވަޒީރު ސަމް ކުޓެސާ އާއި އޭނާގެ ދަރިކަނބަލުންނަކީ ސީޝެލްގެ ކުންފުންޏެއް ކަމަށްވާ ކަޓޮންގާ އިންވެސްޓްމަންޓުގެ ހިއްސާދާރުންނެވެ.

އޭޝިއާ

އިންޑިއާ

ލީކުކޮށްލި 180 ގައުމުގެ ތެރޭން ލިސްޓުގައި އެންމެ ގިނަ މީހުން ހިމެނޭ ގައުމަކީ އިންޑިއާ އެވެ. އެ ލިސްޓުގައި އިންޑިއާގެ 714 މީހުން ހިމެނޭ އިރު އޭގެ ތެރޭގައި ސިޔާސީ ލީޑަރުންނާއި ފިލްމީ ތަރިން ހިމެނެ އެވެ. އިންޑިއާގެ މަޝްހޫރު މީހުންގެ ތެރޭގައި ކޯޕަރޭޓް އެފެއާޒް މިނިސްޓަރު ސަޗިން ޕައިލޮޓް، ރާޖަސްތާނުގެ ކުރީގެ ޗީފް މިނިސްޓަރު އަޝޮކް ގެހްލާ، ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު ވަޔާލާ ރަވީ، ސިވިއޭޝަން ސްޓޭޓް މިނިސްޓަރު ޖަޔަންތާ ސިންހާ، ޕާލަމެންޓް މެންބަރު ރަވިންދުރާ ކިޝޯރު ސިންހް އަދި ބޮލީވުޑުގެ މަޝްހޫރު ތަރި އަމީތާބް ބައްޗަށް ހިމެނެ އެވެ.

އިންޑޮނީޝިއާ

އިންޑޮނީޝއާގެ ކުރީގެ ރައީސް ސުހާޓޯގެ ދެ ދަރިކަލުންގެ ނަން ލިސްޓުގައި ވަނީ ހިމަނައިފަ އެވެ.

ޖަޕާން

ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރު ޔޫކިއޯ ހަޓޮޔާމާ ވަނީ ބާމިއުޑާގެ ކުންފުންޏެއްގެ އޮނަރަރީ ޗެއާމަންކަން 2013 ވަނަ އަހަރު ކުރައްވައިފަ އެވެ.

ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރު ހަޓޮޔާމާ

ކަޒަކްސްތާން

މެރީޑިއަން ކެޕިޓަލްގެ ހިއްސާދާރެއްގެ ގޮތުގައި ތެލާ ބެހޭ ކުރީގެ ވަޒީރުގެ ނަން ވަނީ ހިމަނައިފަ އެވެ.

ޕާކިސްތާން

ލިސްޓުގައި ހިމެނޭ ޕާކިސްތާން މީހުންގެ ތެރޭގައި ކުރީގެ ޚާރިޖީ ވަޒީރު ޝައުކަތު އަޒީޒް ހިމެނެ އެވެ.

ޔޫރަޕް

ސްޕޭން

ބާސެލޯނާގެ ކުރީގެ މޭޔަރު އަދި މިހާރުގެ ކައުންސެލާ ހާވިއާ ޓްރިއަސް ވަނީ ޕެރަޑައިސް ޕޭޕާސްގައި ހިމަނައިފަ އެވެ.

އިނގިރޭސިވިލާތް

ޕެރަޑައިސް ޕޭޕާސް އިން ބުނި ގޮތުގައި ރާނީ ކުއީން އެލިޒަބަތު ވަނީ އިނގިރޭސި ޓެރިޓަރީތައް ކަމަށްވާ ކޭމަން އައިލެންޑްސް އާއި ބާމިއުޑާގައި އިންވެސްޓް ކުރައްވައިފަ އެވެ.

އިނގިރޭސި ރާނީ ކުއީން އެލިޒަބަތު.

ޔޫކްރޭން

ގައުމުން ބޭރުގައި ވިޔަފާރި ހިންގާ ފަރާތްތަކުގެ ތެރޭގައި ޔޫކްރޭނުގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯގެ ނަން ވަނީ ލިސްޓް ކޮށްފަ އެވެ.

މެދުއިރުމަތި

ޖޯޑަން

ޕެރަޑައިސް ޕޭޕާސްގައި ލިސްޓްކޮށްފައިވާ މީހުންގެ ތެރޭގައި ކުއީން ނޫރް ހިމެނެ އެވެ. އެކަމަނާގެ ގެދޮރު އިންގްލެންޑުގައި ހުންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

ސައުދީ އަރަބިއާ

ސައުދީގެ ކުރީގެ ދިފާއީ ވަޒީރުގެ ނައިބް ޕްރިންސް ޚާލިދު ބިން ސުލްތާން ބިން އަބްދުލް އަޒީޒް އަކީ ބާމިއުޑާގެ އަށް ކުންފުންޏެއްގެ ވެރިޔާ ކަމަށް ލީކުކޮށްލި މައުލޫމާތުގައިވެ އެވެ.

ސީރިއާ

ޕެރަޑައިސް ޕޭޕާސްގައި ސީރިއާ އިން ހިމަނާފައި ވަނީ އެ ގައުމުގެ އެންމެ މުއްސަނދި މީހާ ރާމީ މަޚްލޫފެވެ.

ތުރުކީ

ބޮޑު ވަޒީރު ބިނާލީ ޔިލްދިރިމްގެ ފިރިހެން ބޭފުޅުންގެ ނަން ވަނީ ހިމަނައިފަ އެވެ.

ނޯތު އެމެރިކާ

ކެނެޑާ

ކެނެޑާގެ ކުރީގެ ބޮޑު ވަޒީރުން ކަމަށްވާ ޖީން ކްރެޓިއެން، ޕޯލް މާޓިން އަދި ބްރިއަން މުލްރޯއީ ވަނީ ލިސްޓުގައި ހިމަނައިފަ އެވެ. ބޮޑު ވަޒީރު ޖަސްޓިން ޓްރައުޑާގެ އެޑްވައިޒަރު ސްޓެފަން ބްރޮންފްމަން އަކީ ވެސް ގައުމުން ބޭރުގައި ވިޔަފާރި ހިންގާ މީހެއް ކަމަށް ވަނީ ބުނެފަ އެވެ.

ކޮސްޓާ ރިކާ

ކުރީގެ ރައީސް ހޯސޭ މާރިއާ ފިގަރެސް އަކީ އެނާޖިއާ ގްލޯބަލް އިންޓަނޭޝަނަލްގެ ބޯޑު މެންބަރެއް ކަމަށް ބުނެފައިވެ އެވެ.

އެމެރިކާ

އެމެރިކާގެ ކޮމާސް ސެކްރެޓަރީ ވިލްބާ ރޮސް ވަނީ ރަޝިޔާގެ ކުންފުންޏަކާ ގުޅިގެން ވިޔަފާރިކޮށްފަ އެވެ. ލިސްޓުގައި ހިމަނާފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރުގެ އިސް ބޭފުޅުންގެ ތެރޭގައި ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން އާއި ނޭޝަނަލް އިކޮނޮމިކް ކައުންސިލްގެ ޑިރެކްޓަރު ގެރީ ޑީ. ކޯން ހިމެނެ އެވެ. މީގެ އިތުރުން ލަވަކިޔުންތެރިޔާ މެޑޯނާ، މައިކްރޯސޮފްޓުގެ ކޯ-ފައުންޑާ ޕޯލް އެލެން، ބިލިއަނަރު ޖޯޖް ސޮރޮސް ވެސް ވަނީ ލިސްޓުގައި ހިމަނައިފަ އެވެ.

އެމެރިކާގެ ކޮމާސް ސެކްރެޓަރީ ވިލްބާ ރޮސް. --ފޮޓޯ:އޭއެފްޕީ

ސައުތު އެމެރިކާ

އާޖެންޓީނާ

ބޭރުގެ ދެ ކުންފުންޏެއްގައި އާޖެންޓީނާގެ ފިނޭންސް މިނިސްޓަރު ލުއިސް ކަޕުޓޯ ވިޔަފާރި ކުރާ ކަމަށް ބުނެފައިވެ އެވެ. އެނާޖީ މިނިސްޓަރު ހުއާން ހޯސޭ ވެސް ބޭރުގެ ދެ ކުންފުންޏެއްގައި ވިޔަފާރި ހިންގަ އެވެ.

ބްރެޒިލް

އެގްރިކަލްޗާ މިނިސްޓަރު ބްލައިރޯ ބޯޖަސް މައްގީގެ ނަން ވަނީ ޕެރަޑައިސް ޕޭޕާސްގައި ހިމަނައިފަ އެވެ.

ކޮލަމްބިއާ

ރައީސް ހުއާން މެނުއަލް ސަންތޯސް ދެ ކުންފުންޏެއްގައި ވިޔަފާރި ކުރާ ކަމަށް ޕޭޕާސްގައި ބުނެފައިވެ އެވެ.