ޚިޔާނާތުގެ ތުހުމަތާ އެކު ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު އިސްތިއުފާ ދެއްވައިފި

ޑާކާ (ނޮވެމްބަރު 12) - ޚިޔާނާތުގެ ތުހުމަތުތަކަކާ އެކު ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު ސުރަންދުރަ ކުމާރު ސިންހާ އިސްތިއުފާ ދެއްވައިފި އެވެ.


އުއްތަމަ ފަނޑިޔާރުގެ އިސްތިއުފާއާ އެކު އިދިކޮޅު ފަރާތްތަތަކުން ވަނީ ބަންގްލަދޭޝްގެ ޝަރުއީ ނިޒާމުގެ މިނިވަންކަމާ މެދު ސުވާލު އުފައްދައިފަ އެވެ. ބަންގްލަދޭޝް ސަރުކާރާ ދެކޮޅަށް މިދިޔަ އޮގަސްޓް މަހު ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު އުއްތަމަ ފަނޑިޔާރު ވަނީ މަސް ދުވަހުގެ ޗުއްޓީއެއްގައި ގައުމުން ބޭރަށް ވަޑައިގެންފަ އެވެ. ސުޕްރީމް ކޯޓުން އެ ފަހަރު ވަނީ ފަނޑިޔާރުން ވަކިކުރުމުގެ ބާރު ޕާލަމެންޓުން ނަގައިފަ އެވެ. ސިންހާ މިހާރު ހުންނެވީ އޭނާގެ ދަރިފުޅާ ބައްދަލު ކުރަން ކެނެޑާގައި ކަމަށްވެ އެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ސީރިއަސް ތުހުމަތުތަކުގެ ތެރޭގައި މަނީ ލޯންޑްރިން ހިމެނެ އެވެ. ސިންހާގެ މައްޗަށް މި ތުހުމަތުތައް ކޮށްފައި ވަނީ ފުރާވަޑައިގެންނެވިތާ އެއް ދުވަސް ފަހުންނެވެ.

ކުރީގެ ޖަސްޓިސް މިނިސްޓަރު އަދި އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ މެންބަރު މައުދޫދު އަހުމަދު ވިދާޅުވީ އެއީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ.

"މަގާމުގައި ހުރި އުއްތަމަ ފަނޑިޔާރަކު މީގެ ކުރިން އިސްތިއުފާ ދެއްވި ވާހަކައެއް ނާހަން. މިއީ ޝަރުއީ ނިޒާމުގެ މިނިވަން ކަމަށް ދިން ހަމަލާއެއް،" އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އާއްމުކޮށް ނުނެރޭ ޒާތުގެ ބަޔާނެއް އޮގަސްޓް މަހު ނެރުމަށް ފަހު އޭގައި ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރު ސިންހާއާ އެކު ޝަރީއަތްތައް ކުރިއަށް ގެންދަން އެހެން ފަނޑިޔާރުން ދެކޮޅު ހަދާ ކަމަށެވެ.

ފަނޑިޔާރުން ޕާލަމެންޓަށް ވަކިކުރެވޭ ގޮތަށް 2014 ވަނަ އަހަރު ބަދަލު ގެނައީ ބޮޑު ވަޒީރު ޝެއިޚް ހަސީނާ އެވެ. އޭރު ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮތީ އެކަމަނާގެ އަވާމީ ލީގަށެވެ. ސިންހާ ފުރާވަޑައިގަތުމުގެ ކުރިން އޭނާ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ފަނޑިޔާރުން ވަކިކުރުމާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ސަރުކާރުން ފާޑު ކިޔަމުންދާތީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި ނޮވެމްބަރު 10 ގައި ޗުއްޓީ ހަމަވުމުން އެނބުރި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.