ރަސްކަން ދޫކޮށްލަންވަން ސަލްމާން ނޫޅުއްވާ: އޮފިޝަލް

ރިޔާޒް (ނޮވެމްބަރު 13) - ރަސްކަން ދޫކޮށްލެެއްވުމަށް ފަހު ދަރިކަލުން މުހައްމަދު ބިން ސަލްމާން ތަޚުތަށް ގެންނެވުމަށް ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް މަސައްކަތް ކުރައްވަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ސައުދީ އޮފިޝަލަކު ދޮގު ކުރައްވައިފި އެވެ.


"ރަސްގެފާން ސަލްމާން ރަސްކަމުން ދުރުވެވަޑައިގަންނަވާނެ ހާލަތެއް ނާދޭ. ސިއްހީ ގޮތުން ޒިންމާތައް އަދާކުރަން ދަތިވާ ހާލަތްތަކުގައި ވެސް ސައުދީ ރަސްރަސްކަލުން މަގާމުގައި ދެމިތިއްބަވާ،" ލިޔުމުން ދެއްވި ޖަވާބުގައި އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަހުދު ރަސްގެފާން 2005 ވަނަ އަހަރު އަވަހާރަވުމުގެ ކުރިން ވެސް އުޅުއްވީ ވަރަށް ބޮޑަށް އާލަސްކަންފުޅާ ކަމަށާއި އެކަމަކު ވެސް އެމަނިކުފާން ވެސް ރަސްކަން ދޫކޮށްނުލައްވާ ކަމަށެވެ.

ސައުދީ އޮފިޝަލް ވިދާޅުވީ އުމުރުފުޅުން 81 އަހަރުގައި ވެސް ސަލްމާން ރަސްގެފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅު ކަމަށާއި އެހެންވެ ތަޚުތުން ފައިބައިވަޑައިގަންނަވަން ނުޖެހޭ ކަމަށެވެ. އަދި ރަސްކަން ދޫކޮށްލައްވަން ސަލްމާން އުޅުއްވާ ކަމަށް ވާހަކަ ދައްކާ މީހުންނަކީ ސައުދީ އަރަބިއާގެ ޝާހީ ސަގާފަތް އޮންނަ ގޮތް ނޭނގޭ މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަަލްމާން ރަސްގެފާން މިހާރު ވަނީ ޝާހީ އާއިލާގައި ކުރިން ނުފޫޒުގަދަ ޕްރިންސުން ދުރު ކުރައްވާ ދަރިކަލުން މުހައްމަދުގެ ބާރު ގަދަ ކުރައްވައިފަ އެވެ. ވަލީ އަހުދުގެ މަގާމުން މުހައްމަދު ބިން ނާއިފް މިދިޔަ ޖޫން މަހު ދުރުކުރުމަށް ފަހު އެ މަގާމަށް ވަނީ މުހައްމަދު ހަމަޖައްސައިފަ އެވެ. ސައުދީ އަށް މިހާރު ގެންނަމުންދާ ބަދަލުތަކުގެ ފަހަތުގައި ހުންނެވީ މުހައްމަދެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ބުނެ ގިނަ އަދަދެއްގެ ޕްރިންސުންނާއި ވަޒީރުން ހައްޔަރުކޮށްފައި ވަނީ ވެސް މުހައްމަދު ޗެއާމަންކަން ކުރައްވާ ކޮމިޝަނަކުންނެވެ. ސައުދީގެ ދިފާއީ އަދި އިގްތިސާދީ ހުރިހާ ކަމެއްގެ އިސްވެރިއަކީ ޕްރިންސް މުހައްމަދެވެ.

ރަސްގެފާން ދުނިޔޭގައި ހުންނަވަނިކޮށް މީގެ ކުރިން އެއް ފަހަރަކު ވަނީ ރަސްކަލަކު ރަސްކަން ދޫކޮށްލައްވައިފަ އެވެ. އެއީ 1960 ގެ އަހަރުތަކުގެ ތެރޭގައި ރަސްގެފާން ސައުދު ބިން އަބްދުލް އަޒީޒެވެ. ޝާހީ އާއިލާގެ މެންބަރުންގެ ޕްރެޝަރަށް ރަސްކަން ދޫކޮށްލެއްވުމަށް ފަހު ތަޚުތަށް އިސްކުރެއްވީ ކޮއްކޯފުޅު ޕްރިންސް ފައިސަލް އެވެ.