ނޯތު ކޮރެއާ އިން ފިލަން އުޅުނު މީހާ ގަޔަށް ވަނީ ހަތް ވަޒަން އަރާފައި

ޕިއޮންޔޮން (ނޮވެމްބަރު 14) - ދެ ކޮރެއާގެ ދެމެދުގައި ވަރުގަދަ އަށް ގާޑުކޮށްފައިވާ ޑިމިލިޓަރައިޒް ޒޯން ހުރަސްކޮށް ފިލަން އުޅުނު ނޯތު ކޮރެއާގެ ސިފައިންގެ މީހާގެ ހަށިގަނޑުގެ ހަތް ތަނަކަށް ވަޒަން ޖަހާފައިވާ ކަމަށް ސައުތު ކޮރެއާގެ އޮފިޝަލުން ބުނެފި އެވެ.


ނޯތު ކޮރެއާގެ ސިފައިންގެ މީހާ ބޯޑަރު ހުރަސްކޮށް ސައުތު ކޮރެއާގެ ޖޮއިންޓް ސެކިއުރިޓީ އޭރިޔާ (ޖޭއެސްއޭ) އަށް ވަންނަން އުޅުނީ ޕެންމުންޖޮން އަވަށުންނެވެ. ނޯތު ކޮރެއާގެ ސިފައިން ވަނީ އޭނާ ގަޔަށް 40 ފަހަރު ބަޑި ޖަހައިފަ އެވެ. އެކަމަކު ސިފައިންގެ މީހާ ވަނީ ސައުތު ކޮރެއާގެ ސަރަހައްދަށް ވަދެފަ އެވެ. އޭނާ އެންމެ ފަހުން ވަނީ ފަތްތަކެއްގެ ދަށަށް ވަދެ ފަލައިފަ އެވެ.

ސައުތު ކޮރެއާ އިން ބުނީ ނޯތު ކޮރެއާ ސިފައިންގެ މީހާގެ ހަށިގަނޑުން ފަސް ވަޒަން ނަގާފައިވާ ކަމަށެވެ. އަދި އިތުރު ދެ ވަޒަން އޭނާގެ ހަށިގަނޑުގައިވާ ކަމަށް ޑޮކްޓަރުން ބުނެ އެވެ. މިއަދު ހެނދުނާ ހަމައަށް އޭނާ ހޭނާރާ ކަމަށާއި ނަމަވެސް އޭނާގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށް ސައުތު ކޮރެއާގެ އޮފިޝަލުން ބުނެ އެވެ.

ސައުތު ކޮރެއާގެ ޑިފެންސް މިނިސްޓަރު ޕާލަމެންޓުގައި ވިދާޅުވީ މިއީ ސައުތު ކޮރެއާގެ ޖޭއެސްއޭގެ ސަރަހައްދަށް ނޯތު ކޮރެއާ ސިފައިން ހަމަލާ ދިން ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ ދެ ގައުމުގެ މެދުގައިވާ އާމިސްޓިސް އެއްބަސްވުމާ ޚިލާފަށް ނޯތު ކޮރެއާ އިން ކުރި ކަމެއް ކަމަށް ބުނެ ޕާލަމެންޓުގެ ބައެއް މެންބަރުން ވަނީ ސުވާލު އުފައްދައިފަ އެވެ.

ނޯތު ކޮރެއާ އިން އަހަރެއްގެ ތެރޭ ގާތްގަނޑަކަށް 1،000 މީހުން ސައުތު ކޮރެއާގެ ސަރަހައްދަށް ވަދެ އެވެ. އެކަމަކު ދުނިޔޭގެ އެންމެ ބޮޑަށް ގާޑުކޮށްފައިވާ އެއް ސަރަހައްދު ކަމަށް ބެލެވޭ ޑިމިލިޓަރައިޒް ޒޯން ހުރަސްކޮށް ދަނީ މަދު ބައެކެވެ. ކޮރެއާ ހަނގުރާމަ 1953 ވަނަ އަހަރު ނިމުނު ފަހުން ނޯތު ކޮރެއާގެ 30،000 މީހުން ސައުތު ކޮރެއާ އަށް ތެރެވެފައިވާ ކަމަށް ސޯލުން ބުނެ އެވެ.