ހައިދަރުއާބާދުން ސަލާންޖަހާ މީހުން ހުސްކުރަނީ

ހައިދަރުއާބާދު (ނޮވެމްބަރު 14) - އިންޑިއާގެ ދެކުނުގެ ހައިދަރުއާބާދު ސިޓީން ފަގީރުން ހުސްކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.


ސަލާންޖަހާ މީހުން ފާހަގަކޮށްދޭ މީހުންނަށް 500 ރުޕީސް (7.60 ޑޮލަރު) ދޭން ސިޓީ ފުލުހުން ވަނީ ނިންމައިފަ އެވެ. ހައިދަރުއާބާދު ފުލުހުން މިހާރު ވަނީ އެ ސިޓީގައި ސަލާން ޖެހުން ދެ މަސް ދުވަހަށް މަނާކޮށްފަ އެވެ. އަދި ސިޓީ ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ސަލާން ޖަހާ މީހުން ހޯދަނީ އަންނަ މަހު 15 ގެ ފަހުން ހައިދަރުއާބާދަކީ ސަލާން ނުޖާ ސިޓީއަކަށް ހެދުމަށް ހިންގާ ކެމްޕޭނެއްގެ ދަށުން ކަމަށެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވަނީ މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނބަލުން އިވާންކާ ހައިދަރުއާބާދަށް ވަޑައިގަންނަވާތީ ކުރަން އުޅޭ ކަމެއް ކަމަށެވެ. ނަމަވެސް އޮފިޝަލުން އެކަން ދޮގު ކުރެ އެވެ. އިވާންކާ ހައިދަރުއާބާދަށް ވަޑައިގަންނަވަނީ މި މަހު 28-29 އަށް އޮންނަ ގްލޯބަލް އެންޓަޕްރިނާޝިޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ހައިދަރުއާބާދަށް 2000 ވަނަ އަހަރު ކުރެއްވި ދަތުރުފުޅާ ދިމާކޮށް ވެސް ހައިދަރުއާބާދުން ވަނީ ސަލާންޖަހާ މީހުން ހުސްކޮށްފަ އެވެ.

ސަލާންޖަހާ މީހުން އާއްމުކޮށް އުޅޭ އޭރިޔާތައް ކަމަށްވާ މިސްކިތްތަކާއި ބަސް ސްޓޭޝަންތަކުގައި މިދިޔަ ހަފުތާ އިން ފެށިގެން ފުލުހުން ވަނީ ހަރަކާތްތެރިވާން ފަށައިފަ އެވެ. ސަލާން ޖަހާ މީހުން ހޯދުމަށް ފަހު އެ މީހުން ފޮނުވަނީ ހައިދަރުއާބާދު ސެންޓްރަލް ޖަލުގައިވާ ރިހެބިލިޓޭޝަން ސެންޓަރަށެވެ.

"ސަލާންޖަހާ މީހުން ހޯދާ މީހުންނަށް ދޭ 500 ރުޕީސް އަކީ ސިޓީގެ ޖަލުތަކާ ބެހޭ ޑިޕާޓްމަންޓުން ދޭ ހަދިޔާއެއް. ބޭނުމަކީ ހައިދަރުއާބާދަކީ ސަލާންޖަހާ މީހުން ނެތް ސިޓީއަކަށް ހެދުން،" ރިހެބިލިޓޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރު އެމް. ސަމްޕަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަލާންޖަހާ މީހުން ހޯދުމަށް ފަހު އެ މީހުންނަށް ކޮންމެވެސް މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދޭނެ ގޮތްތައް ދަސްކޮށްދޭނެ ކަމަށެވެ.

ސްޓޭޓް ސަރުކާރުން ބުނެފައި ވަނީ ހައިދަރުއާބާދުން ސަލާންޖަހާ 366 މީހުން މިހާތަނަށް ނަގާފައިވާ ކަމަށެވެ. އޭގެ ތެރޭން 128 މީހުން ބޭނުންވީ ރިހެބިލިޓޭޝަން ސެންޓަރުގައި މަޑުކުރާށެވެ. ބާކީ ތިބި މީހުން ވަނީ ގެއަށް ފޮނުވާލައިފަ އެވެ. އަދި އެ މީހުން ގެއަށް ފޮނުވާލީ ސަލާން ނުޖަހާނެ ކަމަށް ބުނުމުންނެވެ.

ހައިދަރުއާބާދުގައި ސަލާންޖަހާ 5،000 މީހުން އުޅޭ ކަމަށްވެ އެވެ.