ފަލަސްތީނުގެ ރައީސް އިސްތިއުފާ ދޭން ސައުދީން މަޖްބޫރުކުރާ ވާހަކަ ދޮގުކޮށްފި

ގުދުސް (ނޮވެމްބަރު 14) - ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އިސްތިއުފާ ދެއްވަން ސައުދީ އަރަބިއާ އިން މަޖްބޫރުކުރާ ކަމަށް އިޒްރޭލުގެ ޓީވީ ޗެނަލަކުން ބުނި ވާހަކަތައް ދޮގު ކޮށްފި އެވެ.


އިޒްރޭލުގެ ޗެނަލް 10 އިން ބުނެފައި ވަނީ ސައުދީން ވަނީ އެމެރިކާގެ ސުލްހައިގެ ހުށަހެޅުން ފަލަސްތީނުން ގަބޫލް ކުރަން ނޫނީ މަހްމޫދު އައްބާސް އިސްތިއުފާ ދެއްވަން އަންގައިފަ އެވެ. އަދި އައްބާސް އަށް މި ގޮތަށް އަންގާފައި ވަނީ އޭނާ މިދިޔަ ހަފުތާގައި ސައުދީ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ކަމަށް ވެސް ޗެނަލް އިން ބުނެފައިވެ އެވެ.

އައްބާސްގެ ފަތަހަ ޕާޓީގެ ތަރުޖަމާން އުސާމާ ގަވަސްމީހު ވިާޅުވީ އިޒްރޭލުގެ ޗެނަލުން ފެތުރި ޚަބަރުގައި ސައްހަ ކަމެއް ނެތް ކަމަށެވެ. އަދި ސައުދީ އޮފިޝަލުންނާ އެކު ފަލަސްތީނުގެ ރައީސް ބޭއްވި ބައްދަލުވުން ކާމިޔާބު ކަމަށް އޭނާ ވިދާޅުވި އެވެ.

"ސުލްހައާ މެދު ފަލަސްތީނުން ގެންގުޅޭ ސިޔާސަތަށް ސައުދީން އަބަދުވެސް ތާއިދުކުރޭ. އެއީ 1967 ވަނަ އަހަރުގެ ބޯޑަރު ކަނޑައަޅާ، ދެ ދައުލަތް އުފެއްދުން. ސައުދީ އާއި ފަލަސްތީނުގެ ސިޔާސަތުގައި ފުށުއެރުމެއް ނެތް،" ތަރުޖަމާން ވިދާޅުވި އެވެ.

އިޒްރޭލުގެ ރިޕޯޓުގައި ބުނެފައި ވަނީ އައްބާސް ހާޒިރުކޮށްފައި ވަނީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލު ކުރަން ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސުލްހައިގެ ޕްލޭން ގަބޫލް ކުރަން ނޫނީ އިސްތިއުފާ ދެއްވަން ހުށަހަޅާފައި ކަމަށް ވެސް ބުނެފައިވެ އެވެ.

އިޒްރޭލުން މިފަދަ ޚަބަރުތަކެއް ފަތުރާފައި މި ވަނީ ސައުދީގެ ސިޔާސަތާ ޚިޔާލުވާ މެދުއިރުމަތީގެ ލީޑަރުންނަށް ރިޔާޒުން ޕްރެޝަރު ކުރަމުންދާ ދުވަސްވަރެއްގަ އެވެ. ލުބުނާނުގެ ބޮޑު ވަޒީރު ސައުދުލް ހަރީރީ ދާދި ފަހުން ސައުދީ އަށް ވަޑައިގެން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ ލުބުނާން ސަރުކާރުގައި ހިޒްބުﷲ ހިމަނާފައިވާތީ، ސައުދީން ޕްރެޝަރުކޮށްގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ހަރީރީ އަދިވެސް ހުންނެވީ ސައުދީ ވެރިރަށް ރިޔާޒުގަ އެވެ.