އެމެރިކާއާ ނުލައި ވެސް ޔުނެސްކޯ ދެމި އޮންނާނެ: ޑިރެކްޓަރު ޖެނެރަލް

ވޮޝިންޓަން (ނޮވެމްބަރު 14) - އެމެރިކާއާ ނުލައި ވެސް ޔުނެސްކޯ ދެމި އޮންނާނެ ކަމަށާއި މީގެ ކުރިން ވެސް އެގޮތަށް ކަންވެފައިވާ ކަމަށް އދ.ގެ ސަގާފަތާ ބެހޭ ޖަމިއްޔާގެ އާ ޑިރެކްޓަރު ޖެނެރަލް ވިދާޅުވެއްޖެ އެވެ.


ޔުނެސްކޯގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ފްރާންސްގެ ކުރީގެ ކަލްޗަރަލް މިނިސްޓަރު އައުޑްރޭ އަޒޫލޭ އިންތިޚާބުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އޭނާ ވިދާޅުވީ ޔުނެސްކޯގެ ފެށުމާއި ނިމުމަކީ އެމެރިކާ ނޫން ކަމަށެވެ. އަދި އެމެރިކާއާ ނުލައި ޔުނެސްކޯ 15 އަހަރު ވަންދެން ދެމިއޮތް ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

އެމެރިކާ އިން ޔުނެސްކޯ އިން ވަކިވާން ނިންމީ އިޒްރޭލަށް ތަފާތުކުރާތީ ކަމަށް ބުނެ އެވެ. އެމެރިކާގެ ފަހަތުން އިޒްރޭލް ވެސް ވަނީ ޔުނެސްކޯ އިން ވަކިވާން ނިންމައިފަ އެވެ.

އަޒޫލޭ ވިދާޅުވީ އެމެރިކާ އިން މިހާރު ކަންކުރަމުންދާ ގޮތަށް ބަލާއިރު ޔުނެސްކޯ އިން އެ ގައުމު ވަކިވުމަކީ ހައިރާންވުމެއް ނޫން ކަމަށެވެ.

ޔުނެސްކޯ އިން އެމެރިކާ ވަކިވާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ މުއްދަތާ ހަމައަށް ޔުނެސްކޯގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި އެމެރިކާ އޮންނާ އެވެ. އެމެރިކާ އިން މިހާރު ޔުނެސްކޯ އަށް އަހަރަކު 80 މިލިއަން ޑޮލަރު ދެ އެވެ.

ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމާ ގުޅިގެން އެކަމުގެ ރުޅީގައި އެމެރިކާ އިން 2011 ވަނަ އަހަރު ވަނީ ޔުނެސްކޯ އަށް ދޭ އެހީގެ ބޮޑު ބައެއް ކަނޑާލައިފަ އެވެ. ގުދުސްގެ މުގައްދަސް ތަންތަނާ އިޒްރޭލާ ގުޅުމެއް ނެތް ކަމަށް ބުނެ ޔުނެސްކޯ އިން ގަރާރެއް ފާސް ކުރުމުން އިޒްރޭލުން މިދިޔަ އަހަރު ވަނީ ޔުނެސްކޯ އަށް އެއްބާރުލުން ދިނުން ހުއްޓާލައިފަ އެވެ. އަދި ހުޅަނގު އައްސޭރީގެ ހިބްރޮން ސިޓީ އަކީ ފަލަސްތީނުގެ ވޯލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ޔުނެސްކޯ އިން މި އަހަރު ހަމަޖެއްސުމުން އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފާޑު ވިދާޅުވެފަ އެވެ.

އެމެރިކާ އަކީ ޔުނެސްކޯގެ ފައުންޑިން މެންބަރެކެވެ. ރައީސް ރޮނަލްޑް ރޭގަންގެ ސަރުކާރުން 1984 ވަނަ އަހަރު ވަނީ ޔުނެސްކޯގައި ކޮރަޕްޝަން ބޮޑު ކަމަށް ބުނެ އެ ޖަމާއަތުން ވަކިވެފަ އެވެ. ނަމަވެސް އަލުން އެ ޖަމާއަތާ ވަނީ 2002 ވަނަ އަހަރު ގުޅިފަ އެވެ.