ބިންހެލުމުގައި ހާލުގައި ޖެހުނު މީހުން ގަދަފިނީގައި މަގުމަތިވެފައި

ތެހެރާން (ނޮވެމްބަރު 15) - އީރާނާއި އިރާގު ގުޅޭ ބޯޑަރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި އިމާރާތްތައް ވެއްޓި ގެދޮރު ގެއްލުމުން ހާލުގައި ޖެހުނު ގިނަ ބަޔަކު ގަދަ ފިނީގައި މަގުތަކާއި ހާމަ ތަންތަނުގައި ހޭދަކުރާތާ މިހާރު ދެ ދުވަސްވެއްޖެ އެވެ.


ރިކްޓަ މިންގަނޑުން 7.3 ގެ ބާރުމިނުގައި އައި ބިންހެލުމުގައި ވަނީ 432 މީހުން މަރުވެ 8،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ. ގިނަ މީހުން މަރުވެފައި ވަނީ އީރާނުންނެވެ. އެ ގައުމުގެ ސަރުކާރުން މިހާރު ދަނީ ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއްް ލިބުނު ކެރްމަންޝާހު ޕްރޮވިންސަށް އެހީ ފޯރުކޮށް ދިނުން އަވަސް ކުރެވޭތޯ ބަލަމުންނެވެ. އެ ޕްރޮވިންސުން ވަނީ ގިނަ އަދަދެއްގެ އިމާރާތް ވެއްޓިފަ އެވެ. ކެރްމަންޝާހު ޕްރޮވިންސްގައި ރޭގަނޑުގެ ފިނިހޫނު މިން ގަނޑުވާ ވަރަށް ދަށަށްދެ އެވެ. އެ ޕްރޮވިންސުން އެންމެ ބޮޑަށް ގެއްލުން ލިބުނު ޓައުން ކަމަށްވާ ގަސްރު ޝިރީންގެ އަލީ ގުލާނީ، 42، ބުނީ ފިނިގަދަވެގެން ގޮސް ހޫނު ކުރެވޭތޯ ލަކުޑި ފިލާފޮތި ކަހަލަ އެއްޗެހި އަންދާ ކަމަށެވެ.

އީރާނަށް އައި ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތަކުން ނެރުނު ތަކެތީގެ މަތީގައި މީހަކު އޮށޯވެލައިގެން. --ފޮޓޯ:އޭއެފްޕީ

އާދިއްތަ ދުވަހުގެ ރޭ ބިންހެލުން އައި ފަހުން ވެސް އެ ސަރަހައްދަށް ވަނީ 200 އަށް ވުރެ ގިނަ ލޮޅުން އަރައިފަ އެވެ. މިއީ މި އަހަރު ތެރޭ ކުރިމަތިވި އެންމެ ބާރުގަދަ ބިންހެލުމެވެ.

އީރާނުގެ ރަސްމީ ޓީވީން ބުނެފައި ވަނީ ބިންހެލުމުން ސަލާމަތްވި ގިނަ ބަޔަކު މަގުމަތީގައި ނިދަން ޖެހިފައިވާ ކަމަށެވެ. އެހީދޭ އެޖެންސީއަކުން ބުނި ގޮތުގައި 70،000 މީހުންނަށް ހިޔާވަހިކަން ބޭނުންވެ އެވެ.

އީރާނުގެ ރެޑް ކްރޮސެންޓް ސޮސައިޓީގެ އޮފިޝަލެއް ކަމަށްވާ މަންސޫރީ ބަގާރީ ބުނީ ބިންހެލުމުގައި 12،000 އަށް ވުރެ ގިނަ ގޭ ވެއްޓިފައިވާ ކަމަށެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުގެ ކޮމާންޑަރު، މޭޖާ ޖެނެރަލް މުހައްމަދު އަލީ ޖާފަރީ ވިދާޅުވީ އަވަސް އެހީގެ ގޮތުގައި ބޭނުން ވަނީ ޓެންޓާއި ފެނާއި ކާބޯތަކެތި ކަމަށެވެ.