ޓައިމްގެ އަހަރުގެ ޝަޚުސިއްޔަތު ގަބޫލް ނުކުރި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވޮޝިންޓަން (ނޮވެމްބަރު 25) - ޓައިމް މަޖައްލާ އިން ހޮވާ އަހަރުގެ ޝަޚުސިއްޔަތުގެ މަގާމު މި ފަހަރު ގަބޫލް ނުކުރި ކަމަށް ދޭހަވާ ގޮތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓްވީޓެއް ކުރައްވައިފި އެވެ.


ނަމަވެސް ޓްރަމްޕް ވިދާޅުވި ބަސްފުޅަށް ޓައިމް އިން ވަނީ ދެކޮޅު ހަދައިފަ އެވެ. ޓްރަމްޕް ވިދާޅުވީ ޓައިމް އިން ގުޅާ އެ މަނިކުފާނަކީ މި އަހަރުގެ ޝަޚުސިއްޔަތަށް "ވެދާނެ" ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އިންޓަވިއުއަކާއި ފޮޓޯޝޫޓަށް ދިން ދައުވަތު ގަބޫލް ނުކުރި ކަމަށް ވިދާޅުވެފައިވެ އެވެ. ނަމަވެސް ޓައިމް އިން އިން ބުނެފައި ވަނީ އެ މަޖައްލާ އިން އަހަރުގެ ޝަޚުސިއްޔަތު ހޮވާ ގޮތާ ޓްރަމްޕް ވިދާޅުވި ގޮތް ތަފާތު ކަމަށެވެ.

ޓައިމް މަޖައްލާގެ މިދިޔަ އަހަރުގެ ޝަޚުސިއްޔަތަކީ ޓްރަމްޕެވެ. އެމަނިކުފާން މީގެ ކުރިން ވެސް ވަނީ ޓައިމް މަޖައްލާއާ ބެހޭ ގޮތުން ރަނގަޅު ނޫން މައުލޫމާތެއް އާއްމުކޮށްފަ އެވެ. އެ ފަހަރު ޓްރަމްޕް ވިދާޅުވެފައި ވަނީ ޓައިމް މަޖައްލާގެ ބޭރުގަނޑުގައި އެންމެ ގިނައިން ޖަހާފައި ވަނީ އެމަނިކުފާނުގެ ފޮޓޯ ކަމަށެވެ.

ޓައިމް އިން އަހަރުގެ ޝަޚުސިއްޔަތު 1927 ވަނަ އަހަރު ހޮވަން ފެށި ފަހުން އެ މަގާމަށް ހޮވާފައި ވަނީ އެ މީހެއްގެ ސަބަބުން ދުނިޔޭގެ އިވެންޓްތަކަށް އެންމެ ބޮޑު ނުފޫޒެއް ގެނެސްފައިވާ ފަރާތްތަކެވެ. ޓައިމް އިން ބުނީ އަހަރުގެ ޝަޚުސިއްޔަތަށް ހޮވާ ފަރާތް އިއުލާން ކުރުމުގެ ކުރިން އެ ފަރާތަކަށް ގުޅާ އެ މައުލޫމާތު ނުދޭ ކަމަށެވެ. އަހަރުގެ މި އަހަރުގެ ޝަޚުސިއްޔަތު ހާމަކުރާނީ ޑިސެމްބަރު 6 ވަނަ ދުވަހު އެވެ.

އަހަރުގެ ޝަޚުސިއްޔަތު ހޮވަން ޓައިމް މަޖައްލާގެ ކިޔުންތެރިންނަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލަ އެވެ. އެކަމަކު އެންމެ ފަހުގެ ނިންމުން ނިންމާނީ ޓައިމްގެ އެޑިޓަރުންނެވެ.