ސޫކީ އަށް ފަހަރަކު ލަގަބެއް ގެއްލެނީ

ލަންޑަން (ނޮވެމްބަރު 28) - މިއަންމާ އަށް ޑިމޮކްރެސީ ގެންނަން އަން ސަން ސޫކީ ކުރެއްވި މަސައްކަތަށް މުޅި ދުނިޔޭގެ ލޯތްބާއި ތައުރީފް ލިބުނު ނަމަވެސް މިހާރު ވަނީ އެކަން ބަދަލުވެފަ އެވެ. ރޮހިންޖާ މުސްލިމުންނަށް މިއަންމާ ސިފައިން ކުރަމުންދިޔަ އަނިޔާތަކަށް ސޫކީ ހަނު ހުންނެވުމުން މުޅި ދުނިޔޭގެ ނުރުހުމާއި ފާޑު ކިޔުން އޭނާ އަށް އަމާޒުވި އެވެ. ނަތީޖާއެއްގެ ގޮތުން ވަނީ ސޫކީ އަށް އެކި ފަރާތްތަކުން ދީފައިވާ ޝަރަފުވެރި ލަގަބުތައް އަތުލަން ފަށައިފަ އެވެ.


ސޫކީ ކިޔަވާ ވިދާޅުވި އިނގިރޭސި ވިލާތުން ދިން "ފްރީޑަމް އޮފް އޮކްސްފޯޑް" ލަގަބު އަތުލަން ސިޓީ ކައުންސިލުގެ އިއްތިފާގުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

އޮކްސްފޯޑް ސިޓީން ދީފައިވާ "ފްރީޑަމް އޮފް އޮކްސްފޯޑް" ލަގަބު އަތުލުމަށް ސިޓީ ކައުންސިލުން މިދިޔަ އޮކްޓޯބަރު މަހު ނިންމީ ރޮހިންޖާ މުސްލިމުންނާ މެދު މިއަންމާ ސިފައިން ވަރަށް ބޮޑަށް އަނިޔާވެރިވަމުންދާ އިރު އެކަންކަން ހުއްޓުވުމުގައި ސޫކީ ނުކުޅެދިފައިވާތީ އެވެ.

މިއަންމާ އަށް ޑިމޮކްރެސީ ގެނައުމަށް ސޫކީ ކުރެއްވި ބުރަ މަސައްކަތުގެ އަގު ވަޒަން ކުރަން ފްރީޑަމް އޮފް އޮކްސްފޯޑް އެވޯޑް ދިނީ 1997 ވަނަ އަހަރު އެވެ. ނަމަވެސް އެކަމަނާ ލަންޑަނަށް ވަޑައިގެން އަމިއްލަފުޅަށް އެވޯޑާ ހަވާލުވެވަޑައިގެންނެވީ 2012 ވަނަ އަހަރު އެވެ. އެކަމަކު އޮކްސްފޯޑް ސިޓީ ކައުންސިލުން ނިންމާފައި ވަނީ ސޫކީ އަށް އެ ޝަރަފުގައި ހުންނެވުން ހައްގު ނޫން ކަމަށެވެ.

އޮކްސްފޯޑް ޔުނިވާސިޓީން 2012 ވަނަ އަހަރު ސޫކީ އަށް ވަނީ އޮނަރަރީ ޑިގްރީއެއް ދީފަ އެވެ.

ސޫކީ ކިޔަވާ ވިދާޅުވި އޮކްސްފޯޑް ޔުނިވާސިޓީގެ ސެއިންޓް ހިއުސް ކޮލެޖުގެ ދަރިވަރުން ވަނީ ކޮމަން ރޫމުން ސޫކީގެ ނަން ނަގައިފަ އެވެ. އަދި އޮކްސްފޯޑް ކޮލެޖުގައި ބަހައްޓާފައި ހުރި ސޫކީގެ ފޮޓޯ ވެސް ވަނީ ނަގައިފަ އެވެ.

ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އިން ސޫކީ އަށް ދީފައިވާ އޮނަރަރީ ޕްރެޒިޑެންސީ އަތުލުމަށް ދަރިވަރުން މިދިޔަ ހަފުތާގައި ވަނީ ވޯޓުދީފަ އެވެ.

އޮކްސްފޯޑުގެ ކުރިން ޝެފީލްޑް އަދި ގްލާސްގޯ އިން ސޫކީ އަށް ދީފައިވާ ފްރީޑަމް އޮފް ސިޓީ އެވޯޑް ވަނީ އަތުލައިފަ އެވެ.

އިނގިރޭސި ވިލާތުން ބޭރުން ވެސް ވަނީ، ސޫކީ އަށް ދީފައިވާ ލަގަބުތައް އަތުލަން ފަށައިފަ އެވެ. ކެނެޑާގެ އެންމެ ބޮޑު ޓްރޭޑް ޔޫނިއަން، ޔުނިފޯ އިން ސޫކީ އަށް ދީފައިވާ އޮނަރަރީ މެމްބަޝިޕް ވެސް ވަނީ އަތުލައިފަ އެވެ. އެ ޝަރަފް ސޫކީ އަށް ދީފައި ވަނީ 2000 ވަނަ އަހަރު އެވެ.

މިއަންމާ ސިފައިންގެ ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް ސޫކީ ކުރެއްވި ބުރަ މަސައްކަތާ ގުޅިގެން އެތައް އަހަރަކު އެކަމަނާ ގޭ ބަންދުގައި ހުންނަވަން ޖެހުނެވެ. މިއަންމާގައި ނޮވެމްބަރު 2015 ގައި ބޭއްވި އިންތިޚާބުން ނޭޝަނަލް ލީގު ފޯ ޑިމޮކްރެސީ ޕާޓީ ހޯދި ކާމިޔާބަށް ފަހު ސޫކީ އަކީ މިހާރު އެ ގައުމުގެ ސްޓޭޓް ކައުންސެލާ އެވެ. ރައީސަކު ހުންނެވި ނަމަވެސް މިއަންމާގައި ސިޔާސީ ގޮތުން އެންމެ ބާރުވެރި ފަރާތަކީ ސޫކީ އެވެ.

މިއަންމާގައި އޮގަސްޓް 25 ގައި ހިންގަން ފެށި ހަމަނުޖެހުންތަކާ ގުޅިގެން ރަކީން ސްޓޭޓް ދޫކޮށް ބަންގްލަދޭޝް އަށް އެތެރެވި ރޮހިންޖާ މުސްލިމުންގެ އަދަދު ވަނީ ހަ ލައްކަ އަށް ވުރެ އިތުރުވެފަ އެވެ. މިއަންމާ ސިފައިން ހިންގާ ޖަރީމާތައް ކުށްވެރި ކުރައްވާފައި ނުވާތީ ސޫކީ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފަ އެވެ.