އެމެރިކާ އިން އެދުނު ނަމަވެސް ނޯތު ކޮރެއާއާ ގުޅުން ކަނޑާލަން ރަޝިޔާ ދެކޮޅު

މޮސްކޯ (ނޮވެމްބަރު 30) - ނޯތު ކޮރެއާ އިން އެންމެ ފަހުން ކުރި ބެލިސްޓިކް މިސައިލް ޓެސްޓާ ގުޅިގެން އެ ގައުމާ ގުޅުން ކަނޑާލުމަށް އެމެރިކާ އިން ގޮވާލި ނަމަވެސް އެ ގޮތަށް އެކަން ކުރެވެން ނޯންނާނެ ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގީ ލަފްރޯފް ވިދާޅުވެއްޖެ އެވެ.


ބެލާރުސްގެ ވެރިރަށް މިންސްކްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލަފްރޯފް ވިދާޅުވީ ނޯތު ކޮރެއާއާ ގުޅުން ކަނޑާލުމަކީ ރަޝިޔާ އިން ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ރަޝިޔާގެ މިސައިލް ޓެސްޓާ ގުޅިގެން، އެމެރިކާގެ އދ. ސަފީރު ނިއްކީ ހޭލީ ވަނީ ދުނިޔޭގެ ގައުމުތަކުން ނޯތު ކޮރެއާއާ ގުޅުން ކަނޑާލައި ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުހިންގާ އަދި ނޯތު ކޮރެއާގެ މަސައްކަތްތެރިން އަނބުރާ ފޮނުވާލުމަށް އިއްޔެ ގޮވާލައްވައިފަ އެވެ.

ނޯތު ކޮރެއާ އިން މިހާތަނަށް ކުރި އެންމެ ބާރުގަދަ އިންޓަކޮންޓިނެންޓަލް މިސައިލް ޓެސްޓަށް ފަހު އެމެރިކާ ސަރުކާރުން ވަނީ އެ ގައުމާ ދެކޮޅަށް އިތުރަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. ނޯތު ކޮރެއާ އިން ޓެސްޓްކޮށްފައި ވަނީ އެމެރިކާގެ ކޮންމެ ހިސާބަކަށް ވެސް ހަމަލާ ދެވޭވަރުގެ މިސައިލެކެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ މަހު ވަނީ ނޯތު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު ހުއްޓުވަން އެމެރިކާ ކުރާ މަސައްކަތަށް ރަޝިޔާ އިން ހުރަސް އަޅަމުންދާ ކަމަށް ވިދާޅުވެފަ އެވެ.