ގުދުސްގެ ކުރިމަގު ކަނޑައަޅަން ޖެހޭނީ މަޝްވަރާ އިން: އދ.ގެ މަންދޫބު

ގުދުސް (ޑިސެމްބަރު 6) - ގުދުސްގެ ކުރިމަގު ކަނޑައަޅަން ޖެހޭނީ އިޒްރޭލާއި ފަލަސްތީނުގެ މަޝްވަރާގެ ތެރޭން ކަމަށް މެދުއިރުމަތީގެ ސުލްހަ އަށް ކަނޑައަޅާފައި ހުންނަ އދ.ގެ މަންދޫބު ނިކޮލައި ލަޑެނޯފް ވިދާޅުވެއްޖެ އެވެ.


ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަންނާނެކަން ރައީސް ޑޮނަލްޑް ޓްރަމްޕް މިރޭ އިއުލާން ކުރައްވަން ހަމަޖެހިފައިވަނިކޮށް މެދުއިރުމަތީގެ އދ.ގެ މަންދޫބު ވިދާޅުވީ އެއީ ހުއްޓުމެއް ނެތް ހަމަނުޖެހުންތަކަކަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށެވެ.

"މި މައްސަލާގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ އެތައް ފަހަރަކު ވާހަކަ ދައްކަވާފައި. އަދި ގުދުސްއާ ބެހޭ ގޮތުން ފިޔަވަޅެއް އަޅާ ނަމަ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް ސެކްރެޓަރީ ޖެނެރަލް ވަނީ ވިދާޅުވެފައި،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލަޑެނޯފް ވިދާޅުވި އެވެ. "ގުދުސްގެ ކުރިމަގާ މެދު ގޮތެއް ނިންމަން ޖެހޭނީ އިޒްރޭލާއި ފަލަސްތީނު އެކުގައި އިށީނދެ ތިބެ މަޝްވަރާކޮށްގެން."

އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރި އިޒްރޭލުން ހިފާފައި ވަނީ 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމައިގަ އެވެ. އިރުމަތީ ގުދުސް އަކީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ފަހުން އެ ގައުމުން ކަނޑައެޅި ނަމަވެސް ބައިނަލްއަގުވާމީ ގޮތުން އެކަން ބަލައިގެންފައެއް ނުވެ އެވެ. އިޒްރޭލުން ބުނަމުން ދަނީ މުޅި ގުދުސް އަކީ އެ ގައުމުގެ ވެރިރަށް ކަމަށެވެ. ފަލަސްތީނުން ބުނަމުން ދަނީ މުސްތަގްބަލުގައި އުފެދޭ ދައުލަތުގެ ވެރިރަށަށް ވާނީ އިރުމަތީ ގުދުސް ކަމަށެވެ.