ޓްރަމްޕަށް ވުރެ ޓްވިޓާގައި މަޝްހޫރީ އޮބާމާ

ވޮޝިންޓަން (ޑިސެމްބަރު 6) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކިތަންމެ ގިނައިން ޓްވީޓް ކުރެއްވި ނަމަވެސް ގިނަ މީހުން ލައިކްދީ ޝެއާ ކުރަނީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ޓްވީޓްތަކަށް ކަމަށް ޓްވީޓާ އިން ހާމަކޮށްފި އެވެ.


ޑޮނަލްޑް ޓްރަމްޕުގެ ގިނަ ސިޔާސަތުތައް ޓްވިޓާ މެދުވެރިކޮށް ހާމަކުރެއްވި ނަމަވެސް މި އަހަރު އެންމެ ގިނަ މީހުން ޝެއާކޮށް އަދި ރިޓްވީޓްކުރި ޓްވީޓްތަކުގެ ގަދަ 10 ގައި ވެސް ޓްރަމްޕް ނުހިމެނެ އެވެ. ޓްރަމްޕަށް ވުރެ އޮބާމާގެ ޓްވީޓްތައް ގިނަ މީހުން ޝެއާ ކުރި ނަމަވެސް ދުނިޔޭގައި އެންމެ ގިނައިން ޓްވީޓްކުރާ ލީޑަރަކީ ޓްރަމްޕެވެ. މި އަހަރު އެންމެ ގިނަ މީހުން ލައިކް ދީފައި ވަނީ އެމެރިކާގައި ނަސްލީ ދެބަސްވުންތައް އުފެދުނު އިރު ކުޑަ ދޮރެއްގެ ކައިރީގައި އޮބާމާ ހުންނަވާ ތަފާތު ނަސްލުތަކުގެ ކުދިންނާ ވާހަކަ ދައްކާ ފޮޓޯއަކާ އެކު އެ މަނިކުފާން ކުރެއްވި ޓްވީޓަށެވެ.

މި އަހަރު އެންމެ ގިނަ މީހުން ޝެއާކޮށްފައި ވަނީ 17 އަހަރުގެ ނެވާޑާގެ ކުއްޖަކު އެމެރިކާގެ ފާސްޓް ފުޑް ޗެއިން ވެންޑީސް އިން ހިލޭ ނަގެޓް ލިބޭނީ އޭނާގެ ޓްވީޓް ކިތައް ފަހަރު ރިޓްވީޓް ކުރުމުންތޯ އެހުމަށް ކުރި ޓްވީޓެވެ. ޖަވާބުގައި ވެންޑީސް އިން ބުނެފައި ވަނީ 18 މިލިއަނެވެ. އެކަމަކު އޭނާގެ ޓްވީޓް ޝެއާކޮށްފައި ވަނީ މިލިއަން ފަހަރު އެވެ.