ޓްރަމްޕުގެ ނިންމުމުން ގުދުސްގެ ހަގީގަތަށް ބަދަލެއް ނާންނާނެ: ފަލަސްތީން

ގުދުސް (ޑިސެމްބަރު 7) - ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގެންފި ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވި ނަމަވެސް ގުދުސްގެ ހަގީގަށް ބަދަލެއް ނާންނެ ކަމަށާއި އިޒްރޭލުގެ ވެރިރަށަށް ގުދުސްވާނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.


ގުދުސް އަކީ ދާއިމަށް ފަލަސްތީނުގެ ވެރިރަށް ކަމަށާއި އެ ނިންމުމަށް އެމެރިކާ އަށް ބަދަލެއް ނުގެނޭވެ ކަމަށް އައްބާސް ވަނީ ވިދާޅުވެފަ އެވެ. އަދި އިޒްރޭލާއި ފަލަސްތީނުގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމުގެ ހައިސިއްޔަތު އެމެރިކާ އަށް މިހާރު ގެއްލިއްޖެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

ޓްރަމްޕް ރޭ ވަނީ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގެންފިކަން އިއުލާން ކުރައްވާ، ތެލް އަވީވުގައި ހުރި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އެއީ އެމެރިކާ އިން އިޒްރޭލަށް ދިން ހަދިޔާއެއް،" ޓީވީ މެދުވެރި ކުރައްވާ އައްބާސް ވިދާޅުވި އެވެ. "ޓްރަމްޕުގެ ނިންމުމުގެ ސަބަބުން ފަލަސްތީނުގެ ބިންތައް ހިފަން އިޒްރޭލަށް އިތުރަށް ހިތްވަރު ލިބިގެން ދާނެ."

ޓްރަމްޕުގެ ނިންމުމަށް ހިތްހަމަ ނުޖެހުން ފާޅު ކުރުމަށް ފަލަސްތީނުގެ ލީޑަރު ވަނީ ތިން ދުވަހުގެ މުއްދަތަށް މުޒާހަރާ ކުރަން ގޮވާލައިފަ އެވެ.

އިޒްރޭލުން އިރުމަތީ ގުދުސް ހިފީ 1967 ވަނަ އަހަރު ކުރި ހަނގުރާމައިގަ އެވެ. ގުދުސްގެ ހުޅަނގުގެ ސަރަހައްދުތައް އިޒްރޭލުން ވަނީ 1948 ވަނަ އަހަރުގެ އަރަބި-އިޒްރޭލް ހަނގުރާމައިގައި ހިފައިފަ އެވެ.

ފަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ ސެކްރެޓަރީ ޖެނެރަލް ސާއިބު އުރައިގާތު ވިދާޅުވީ އިޒްރޭލާއި ފަލަސްތީނުގެ ސުލްހަ އަށް އޮތް އެންމެ ކުޑަ އުއްމީދު ވެސް ޓްރަމްޕް ނެތިކޮށްލައިފި ކަމަށެވެ.

އުރައިގާތު ވިދާޅުވީ ގުދުސް އަކީ ވެރިރަށުގެ ގޮތުގައި ނުހިމެނޭ ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ މާނައެއް ނެތް ކަމަށެވެ. އަދި ފަލަސްތީނު މީހުންނަށް މިހާރު އޮތް ހަމައެކަނި ކަމަކީ ހަމަހަމަ ހައްގުތަކަށް މަސައްކަތް ކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ އެމެރިކާގެ ތާރީޚުގައި ވެސް ރައީސަކު ނެންގެވި އެންމެ ނުރައްކާ ނިންމެވުން،" އުރައިގާތު ވިދާޅުވި އެވެ.