ޑޮކްޓަރުންނަށް އޮޅިގެން މަރުވި ކަމަށް ބުނި ކުއްޖާ އަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ

ނިއު ދިއްލީ (ޑިސެމްބަރު 7) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ހޮސްޕިޓަލެއްގައި އަލަށް އުފަންވި ކުއްޖަކު މަރު ނުވަނީސް ޑޮކްޓަރުންނަށް އޮޅިގެން މަރުވި ކަމަށް ބުނި ކުއްޖާ އަށް އެހެން ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.


އަމިއްލަ ފަރާތަކުން ދިއްލީގައި ހިންގާ މެކްސް ހޮސްޕިޓަލު އުފަންވި އެއްމާބަނޑު ދެ ކުދިން ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް އެ ކުދިންގެ ބެލެނިވެރިން ބުނީ ވަޅުލަން ގެންދަނިކޮށް، ދެ ކުދިންލާފައި އޮތް ޕްލާސްޓިކް ކޮތަޅުގެ ތެރޭން އެއްޗެއް ހިރޭތީ ބެލިއިރު އެއް ކުއްޖަކު މަރު ނުވާކަން އެނގުނު ކަމަށެވެ. އަދި ކައިރީގައިވާ އެހެން ހޮސްޕިޓަލަކަށް އަވަހަށް ގެންދިޔަ ކަމަށެވެ. އެ ހޮސްޕިޓަލުން ބެލުމަށް ފަހު ބުނެފައި ވަނީ އެއް ކުއްޖަކު މަރު ނުވާ ކަމަށެވެ. އެ ކުއްޖާ މަރުވީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ ކުއްޖާ މަރުވެފައިވާ ކަމަށް ނިންމި ދެ ޑޮކްޓަރުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް މެކްސް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ދިއްލީގެ ހެލްތު މިނިސްޓަރު ވިދާޅުވީ އެ މައްސަލާގައި ހޮސްޕިޓަލުގެ އިހުމާލެއް އޮތް ނަމަ އެ ތަނުގެ ލައިސަންސް ބާތިލް ކުރާނެ ކަމަށެވެ. ދިއްލީ ފުލުހުން އެ މައްސަލަ މިހާރު ވަނީ ކްރައިމް ޔުނިޓަށް ފޮނުވައިފަ އެވެ.