ހަމްބަންޓޯޓާ ބަނދަރު ރަސްމީކޮށް ޗައިނާއާ ހަވާލުކޮށްފި

ކޮލަމްބޯ (ޑިސެމްބަރު 10) - ހަމްބަންޓޯޓާ ބަނދަރުގެ ހިއްސާ ބަދަލު ކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއި ކުރުމަށް ފަހު އެ ބަނދަރު ރަސްމީކޮށް ޗައިނާއާ ހަވާލުކޮށްފި އެވެ.


ހަމްބަންޓޯޓާ ބަނދަރު ޗައިނާގެ މާޗަންޓްސް ޕޯޓް ހޯލްޑިންސް ކޮމްޕެނީއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ސްރީ ލަންކާ ޕޯޓްސް އޮތޯރިޓީ، ޗައިނާ މާޗަންޓްސް ޕޯޓް ހޯލްޑިން، ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓް ގްރޫޕް އަދި ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓް ސާވިސް އިންނެވެ. ޕާލަމެންޓް ކޮމްޕްލެސްގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މި ރަސްމިއްޔާތުގައި ވަނީ 99 އަހަރުގެ ލީސް އެގްރީމެންޓުގެ ފުރަތަމަ ޕޭމަންޓް ކަމަށްވާ 300 މިލިއަން ޑޮލަރު ލަންކާ ސަރުކާރާ ހަވާލުކޮށްފަ އެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރަނިލް ވިދާޅުވީ ހަމްބަންޓޯޓާ ބަނދަރު ކުރިމަގުގައި ވެގެންދާނީ އިންޑިއާ ކަނޑުގެ މައި ބަނދަރަށް ކަމަށެވެ. އެއްބަސްވުމުގައިވާ ގޮތުން ޗައިނާ މާޗަންޓްސް ޕޯޓް ހޯލްޑިންސް އިން ހަމްބަންޓޯޓާ ބަނދަރު ތަރައްގީ ކުރުމަށް 1.12 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ އެވެ.

ހަމްބަންޓޯޓާ ބަނދަރާ އެކު އިކޮނޮމިކް ޒޯނެއް ވެސް ތަރައްގީ ކުރާނެ އެވެ. ރަނިލް ވިދާޅުވީ އެކަމަށް ބޭނުންވާ ގާނޫނުތައް ބުރާސްފަތި ދުވަހު ފާސްކޮށްފައިވާ ކަމަށެވެ.