ރަފަހް ބޯޑަރު މިސްރުން ހުޅުވައިލައިފި

ފަލަސްތީނާއި މިސްރާ ދެމެދު ދަތުރުފަތުރުން ގުޅުވައިދޭ ރަފަހް ސަރަހައްދީ ރޮނގު މިސްރުން އިއްޔެ ހުޅުވާލަައި ފަލަސްތީނު މީހުން މިސްރަށް ވަދެ ނުކުތުން ހަތަރު ދުވަހަށް ހުއްދަ ކޮށްފި އެވެ.


މިސްރުން ބުނި ގޮތުގައި ރަފަހް ބޯޑަރު މި ހުޅުވައިލީ ފަލަސްތީނުގެ ބަލި މީހުންނާއި މިސްރުގައި ތައުލީމް ހާސިލުކުރާ ފަލަސްތީނުގެ ދަރިވަރުން ގޮވައިގެން ދަތުރު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. ފަލަސްތީނު މީހުން މިސްރުން ބޭސްފަރުވާގެ ޚިދުމަތް ހޯދައި ތައުލީމް ހާސިލުކުރަމުން ދާނީ، މިސްރަށް އެތެރެވުމަށް ދޭ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

ފަލަސްތީނުގެ ގާޒާގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ރަނގަޅު ފެންވަރުގެ ބޭސްފަރުވާގެ ހިދުމަތް ހޯދުމަށް އާންމު ގޮތެއްގައި ދަނީ ރަފަހް ބޯޑަރު ހުރަސްކޮށް މިސްރަށެވެ. އަދި ފަލަސްތީނުގެ ގިނަ އަދަދެއްގެ ދަރިވަރުން މިސްރުގެ މަދަރުސާތަކާއި ޔުނިވާސިޓީތަކުގައި ތައުލީމް ހާސިލު ކުރެ އެވެ.

މިސްރުގެ ސައިނާގައި ސަރުކާރާ ދެކޮޅަށް ދޭ ހަމަލާތަކުގައި ފަލަސްތީނުގެ މީހުން ބައިވެރިވާ ކަމަށް ބުނެ، ޖުލައި 2013 އިން ފެށިގެން މިސްރު ސަރުކާރުން ނިންމާފައި އޮންނަނީ ވަކި ދުވަސްތަކެއްގައި ނޫނީ ރަފަހް ބޯޑަރު ބަންދުކޮށްފައި ބަހައްޓާށެވެ. އެ ގޮތަށް ބަންދު ކުރުމާ ގުޅިގެން، ގާޒާ އަށް ބޭނުންވާ ބޭސްފަރުވާ އާއި ކާބޯތަކެއްޗާއި ތެލުގެ ބާވަތްތަކާއި ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު ގާޒާ އަށް ވަގަށް އެތެރެ ކުރަމުން އައީ، ގާޒާގެ ތެރެއިން މިސްރުގެ ސައިނާ އަށް ކޮނެފައިވާ ސިއްރު ބިންގަރާސް މަގުތަކަކުންނެވެ.

ނަަމަވެސް މިސްރު ސިފައިން ވައިގެ މަގުން ދިން ހަމަލާތަކެއްގައި ވަނީ އެ ބިންގަރާސް މަގުތައް ހަލާކުކޮށްލައިފަ އެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު މިސްރަށް ވަޑައިގެން މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީއާ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގާ އުދުވާނީ ހަމަލާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އަދި ގުދުސަށް ވެރިވެގަތުމަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.